އިންޑިއާގެ ހަރިޔާނާގެ ގުރުގުރާމްގެ ޕްރައިވެޓް ހޮސްޕިޓަލެއްގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ އެއާހޮސްޓެސް އަކަށް އެ ހޮސްޕިޓަލުގެ މުވައްޒަފުން ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެއާލައިންގެ އޮފިޝަލުން ބުނި ގޮތުގައި އުމުރުން 46 އަހަރުގެ އެއާހޮސްޓެސް ހޮސްޕިޓަލުގައި އެޑްމިޓްކުރީ އޭނާ ހުރި ހޮޓަލުގެ ޕޫލަށް އެރިއުޅުމުގެ ތެރޭގައި ހިނގި ހާދިސާ އަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ އެ ހޮސްޕިޓަލުގެ ސީސީޓީވީ ފުޓޭޖްތައް ދިރާސާކޮށް، ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ވިކްޓިމްގެ ބަޔާން ކޯޓުގައި މެޖިސްޓްރޭޓްގެ ކުރިމަތީގައި ނަގާފައިވާ ކަމަށްވެސް ގުރުގުރާމް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.
އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ހިނގި މި ހާދިސާއާއި ގުޅިގެން މެޑަންޓާ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ އޮފިޝަލުން ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އަދި ސީސީޓީވީ ފުޓޭޖް ހިމެނޭ ގޮތަށް ކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.




