އެމްއެންޑީއެފްގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޕެރޭޑް މާދަމާ މާލޭގެ ބޮޑެތި މަގުތަކުގައި ބާއްވަން ނިންމައިފި އެވެ.
އެ ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:15 ގައި ބަންޑާރަކޮށިންނެވެ. ޕެރޭޑުގައި އެމްއެންޑީއެފްގެ ލަޝްކަރުން، ރައީސް އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ޕެރޭޑް ޝަރަފުވެރިކޮށްދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މާލޭގެ ކަނޑައެޅިފައިވާ ބޮޑެތި މަގުތަކުގައި މި ޕެރޭޑް ކުރިއަށްގެންދަން ހަމަޖެހިފައިވާ އިރު، ފަސް ސަރަހައްދެއްގައި މަޑުކުރުމަށް ވަނީ ނިންމާފައެވެ. މި ޕެރޭޑް މަޑުކުރުމަށް ނިންމާފައިވާ ފަސް ސަރަހައްދުތަކަކީ، ރައީސް އޮފީސް ކުރިމަތި، އަމީރްއަހްމަދު މަގު، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗަށެވެ.
މިއިން ކޮންމެ ހުއްޓުމެއްގައިވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕާފޯމް ކުރާނެކަމަށް އެމްްއެންޑީއެފުން ވަނީ ބުނެފައެވެ.
މީގެއިތުރުން މި ޕެރޭޑުގައި އެމްއެންޑިއެފްގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ހިދުމަތްތައް ދައްކުވައިދޭނެކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ޕެރޭޑް ނިންމާލުމަށް ހަމަޖެހިފައި ވަނީ ކަޅުތުއްކަލާކޮށްޓަށެވެ.




