2023 ވަނަ އަހަރު އެމެރިކާގައި ހަދާފައިވާ ސީޓީ ސްކޭންތަކުގެ ސަބަބުންމުސްތަގްމަބްލުގައި އެމެރިކާގެ ލައްކައަކަށްވުރެ ގިނަމީހުން ކެންސަރަށް ހުށަހެޅިދާނެ ކަމުގެ ބިރު އެބައޮތްކަމަށް ދިރާސާއަކުން ހާމަކޮށްފި އެވެ.
ކޮމްޕިއުޓެޑް ޓޮމޮގްރަފީ (ސީޓީ) ސްކޭންގެ ސަބަބުން ބަލިތަކަށް ފަރުވާދިނުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު އޭގައި އެކުލެވޭ ލޯ ލެވެލްގެ އަޔޮނައިޒިން ރޭޑިއޭޝަންގެ ސަބަބުން ކެންސަރުގެ ނުރައްކާ ބޮޑުވަމުންދާކަމަށްބުނެ ސައިންސްވެރިން ދަނީ ކަންބޮޑުވަމުންނެވެ.
އެމެރިކާގެ ސައިންސްވެރިން ބުނެފައިވަނީ 2007 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ކޮންމެ އަހަރަކު ވެސް ސީޓީ ސްކޭން ހަދާ މީހުންގެ އަދަދު 30 ޕަސެންޓަށް ވުރެ އިތުރުވެފައިވާ އިރު، ބޭކާރުގޮތުގައި އެ ޓެސްޓުތައް ހެދުމުގެ ސަބަބުން އެ ގައުމުގެ އާބާދީ ބޭކާރު ގޮތުގައި ރޭޑިއޭޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.
ޔޫސީއެސްއެފް އިންޓަނޭޝަނަލް ސީޓީ ޑޯޒް ރެޖިސްޓްރީގައި ކެޓަލޮގްކޮށްފައިވާ އެމެރިކާގެ 143 ހޮސްޕިޓަލަކާއި އައުޓްޕޭޝަންޓް ފެސިލިޓީތަކުން ލިބިފައިވާ އެނޮނިމަސް ޑޭޓާ ތަކަށްބާއިރު 2016 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާގައި 2023 ވަނަ އަހަރު ގާތްގަނޑަކަށް 62 މިލިއަން ޕޭޝަންޓުންގެ 93 މިލިއަން ފަހަރު ސީޓީ ސްކޭން ހަދާފައިވާނެކަމަށް ސައިސްވެރިން ބުނެފައިވެއެވެ.
މި ކަމުގެ ދިރާސާތައް ކުރި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ޓީމަކުން ލަފާކުރާ ގޮތުގައި އެމެރިކާގައި އަލަށް ކެންސަރު ޖެހޭ މީހުންގެ ތެރެއިން %5 މީހުންނަކީ ސީޓީ ސްކޭންތައް ހެދުމަށް ބޭނުންކުރާ ލޯ ލެވެލްގެ އަޔޮނައިޒިން ރޭޑިއޭޝަންގެ ސަބަބުން މި ބައްޔަށް ހުށަހެޅިދާނެ މީހުންނެވެ. އަދި 2023 ވަނަ އަހަރު ހެދި ސީޓީ ސްކޭންތަކުގެ ސަބަބުން މުސްތަގުބަލުގައި ކެންސަރުގެ 103،000 ކޭސް ފެނިދާނެ ކަމަށް އެ ޓީމުން ވަނީ ލަފާކޮށްފައެވެ.
ސައިންސްވެރިން ބުނަނީ ސީޓި ސްކޭން ހެއްދުމުން ކެންސަރު ޖެހުމުގެ ފުރުސަތު އޮތްނަމަވެސް އެއީ ކުޑަ މިންވަރެއްކަމާއި އެެހެންކަމުން ސިއްހީގޮތުން އެކަން ކުރަންޖެހޭ ހާލަތްތަކުގައި ބަލިމީހުން ސީޓީ ސްކޭން ހެދުމަށް ޖެހިލުން ނުވުމަށެވެ.
ސެން ފްރެންސިސްކޯގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ އެޕިޑެމިއޮލޮޖިސްޓް ރެބެކާ ސްމިތު-ބިންޑްމަން އިސްވެ ހުންނަވާ ބައިނަލްއަގުވާމީ އެނަލިސްޓުންގެ ޓީމަކުން ލިޔެފައިވާ ރިޕޯޓެއްގައިވާ ގޮތުގައި ސީޓީ ސްކޭން ގެ ސަބަބުން ގިނަބައެއްގެ ފުރާނަ ސަލާމަތްކޮށްދީފައިވެއެވެ.
ރޭޑިއޭޝަންގެ ގިނަ ޑޯޒްތަކުން ކެންސަރަށް މަގުފަހިވާކަން ސައިންސްވެރިންނަށް ހޯދިފައިވީ ނަމަވެސް، ދަށް ފެންވަރުގެ ރޭޑިއޭޝަން ކެންސަރާ ގުޅުވާލެވޭނެ ފުރިހަމަ ހެއްކެއް އަދި ހޯދިފައެއް ނެތެވެ. ނަމަވެސް މިހާތަނަށް އެއްކުރެވިފައިވާ ތިއޮރެޓިކަލް އަދި ހިސްޓޮރިކަލް ޑާޓާ އިން ދައްކާގޮތުން ބައެއް މީހުންނަށް ދަށް ފެންވަރުގެ އަޔޮނައިޒިން ރޭޑިއޭޝަންގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު އެހެން މީހުންނަށް ވުރެ ބޮޑުވެދާނެ އެވެ. އަދި ރޭޑިއޭޝަންގެ ސަބަބުން ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކުދިންނާއި ޅައުމުރުގެ ކުދިންނަށް މާ ބޮޑެވެ.
މިސާލަކަށް އުމުރުން އެއް އަހަރު ނުފުރޭ ސީޓީ ސްކޭން ހަދާ މީހުންނަށް ތައިރޮއިޑް ކެންސަރު ޖެހުމުގެ ފުރުސަތު މުޅި އުމުރަށް ބޮޑުކަމަށް ފާހަގަކުރެވިފައި ވެއެވެ. އާރްއެމްއައިޓީ ޔުނިވާސިޓީގެ މެޑިކަލް ރޭޑިއޭޝަން ސްޕެޝަލިސްޓް ޕްރަދީޕް ޑެބް ވިދާޅުވި ގޮތުގައި ސީޓީ ރޭޑިއޭޝަން ޑޯޒްތަކުން ކެންސަރު ޖެހުމުގެ ނުރައްކާ އޮސްޓްރޭލިއާގެ ދިރާސާތަކުގައި ވެސް އެހާމެ ބޮޑެވެ. ރޭޑިއޭޝަން ފްރީ ޕްރޮސީޖާތަކުން ހައްލުކުރެވޭ ކަންކަމުގައި ބޭކާރު ސީޓީ ސްކޭންތަކުން ދުރުހެލިވުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ.
އޮސްޓްރޭލިއަން ސޮސައިޓީ އޮފް މެޑިކަލް އިމޭޖިން އެންޑް ރޭޑިއޭޝަން ތެރަޕީގެ ރައީސް ރޭޑިއޯގްރާފަރު ނައޯމީ ގިބްސަން ވިދާޅުވެފައިވަނީ ދިގު މުއްދަތުގެ ރޭޑިއޭޝަން އެކްސްޕޯޒާއާ ބެހޭ ގޮތުން ސަމާލުކަން ދޭން ޖެހޭ ކަން ހޯދުންތަކުން ފާހަގަކޮށްފައިވީ ނަމަވެސް، ކްލިނިކަލީ ޖަސްޓިފައި ކުރާއިރު ސީޓީ އިމޭޖިން ބޭނުން ނުކުރުމަށް ހިތްވަރު ދީގެން ނުވާނެކަމެވެ.
މި ދިރާސާ ޝާއިއުކޮށްފައިވަނީ ޖާމާ އިންޓާނަލް މެޑިސިންގަ އެވެ.




