އުމުރުން ދުވަސްވީ މީހުން ޖަޕާނުގެ އޭޓީއެމް ތަކުގައި ފޯނު ބޭނުންކުރުން މަނާކުރަން ނިންމައިފި އެވެ.
އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ ޑިޖިޓަލް އޮޅުވާލުންތައް ހުއްޓުވުމުގެ ބޭނުމުގައި ޖަޕާނުގެ އޮސާކާ ސިޓީގައި އުމުރުން 65 އަހަރުން މަތީގެ މީހުން އޭޓީއެމް ބޭނުންކުރާއިރު ފޯނު ބޭނުންކުރުން ވަރަށް އަވަހަށް މަނާކުރާނެ އެވެ. މި ނިންމުމާއެކު ޖަޕާނުގެ އޮސާކާ ވެގެންދާނީ މަކަރާއި ހީލަތް ހަދާ މީހުން އުމުރުން ދުވަސްވީ މީހުންނަށް ހިޔާނާތްތެރިވިޔަ ނުދިނުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ ޖަޕާނުގެ ފުރަތަމަ ސިޓީއަށެވެ.
ޖަޕާނުގެ އެ ސިޓީގައި އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ދުވާލެއްގެ މައްޗަށް ފައިސާ ނެގުމާއި ޓްރާންސްފާ ކުރުން ފަދަ ކަންކަމަށް 100،000 ޔެންގެ ކެޕެއް ވަނީ ކަނޑައަޅާފަ އެވެ. ޖަޕާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމަށް އެހީތެރިވުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބޭންކުތަކާއި އެހެނިހެން ވިޔަފާރިތަކަށް ވަނީ ލާޒިމްކޮށްފަ އެވެ.
އެގޮތުން އޭޓީއެމްތައް ކައިރީގައްޔާއި ވިޔަފާރިތަކުން ޑިސްޕްލޭ އިންޒާރުދޭ ޕޯސްޓަރުތައް ހަރުކޮސްފައި ބެހެއްޓުމާއި، ޕްރީޕެއިޑް ކާޑު ވިއްކާ ފަރާތްތަކުން އޮޅުވާލައިގެން ކަސްޓަމަރުންގެ އެކައުންޓްތައް ފައިސާ ނަގާތޯ ބެލުމަށްވެސް އެސިޓީގެ ފަރާތުން ބޭންކުތަކަށް ވަނީ އަންގާފައެވެ.
ޖަޕާނުގެ ނޭޝަނަލް ޕޮލިސް އެޖެންސީން މިދިޔަ މަހު ވަނީ އުމުރުން 75 އަހަރުން މަތީގެ މީހުންނަށް ދުވާލެއްގެ މައްޗަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޓްރާންސްފާ ކުރުން 300،000 ޔެން އަށް ކެޕް ކުރުމުގެ ވިސްނުން ގެންގުޅެފަ އެވެ. ނަމަވެސް ޖަޕާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބޭންކުތަކުން އެ ޕްލޭން ތަންފީޒު ކުރަން ޝައުގުވެރިނުވީ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވާނެތީ އެވެ.
ޖަޕާނުގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން 2024 ވަނަ އަހަރު 72.1 ބިލިއަން ޔެންގެ ފްރޯޑް ހިންގާފައިވާކަމަށް ރެކޯޑްކޮސްފައިވާއިރު އެއީ އޭގެ ކުރީ އަހަރު ރިޕޯޓްކުރި އަދަދަށް ވުރެ 1.6 ގުނަ އިތުރު އަދަދެއްކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން މި ފްރޯޑް ތަކުގެ ޝިކާރައަކަށް 20،951 މީހުން ވެފައިވާއިރު އޭގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ މީހުންނަކީ އުމުރުން 75 އަހަރުން މަތީގެ މީހުން ކަމަށް މައިނިޗީ އިން ބުނެއެވެ.




