ވިޓަމިން "ޑީ" ހަށިގަނޑަށް މުހިންމުވަނީ ކީއްވެ؟
ވިޓަމިން "ޑީ" އެންމެ ފުރަތަމަ ދެނެގެނެވިފައިވަނީ "ރިކެޓްސިޔާ" އިން ރައްކާތެރިކޮށްދޭ ވިޓަމިނެއްގެ ގޮތުގައެވެ. އެހެންނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާގޮތުން ވިޓަމިން "ޑީ" އަކީ އިންސާނާގެ ހަށިގަނޑުގެ އެތަކެއް މަސައްކަތްތަކެއް ފުރިހަމަކުރުމަށްޓަކައި ވަރަށް މުހިންމު މާއްދާއެކެވެ. މީގެ އިތުރުން ހަށިގަނޑަށް ބޭނުންވާ "ކެލްޝިއަމް" އަދި "ފޮސްފޭޓް" ހަށިގަނޑުގައި ބޭނުންވާ ވަރަށް ދެމިހެއްޓުމަށްޓަކައި ވިޓަމިން "ޑީ"ގެ ދައުރު މުހިންމެވެ. "ކެލްޝިއަމް" އަކީ ތަނެއް ހަލާކުވުމުން ލޭމަނާކުރުމައި، ނާރުތަކުގެ ދައުރުވުމާއި، މަސްތަކުގެ މަސައްކަތާއި އެހެނިހެން މާއްދާތަކަށްވެސް ބޭނުންވާ މާއްދާއެކެވެ. "ފޮސްފަރަސް"އަކީ ވެސް ހަށިގަނޑުގެ ވަރަށް ގިނަ ފަންކްޝަންތަކަށް މުހިންމު މާއްދާއެކެވެ. މީގެ އިތުރުން ،"ފޮސްފަރަސް" އަދި ވިޓަމިން "ޑީ" އަކީ "ކެލްޝިއަމް" އާއިއެކު ކަށިތައް ވަރުގަދަ ކުރުމަށް މުހިންމު ދައުރެއް އަދާކުރާ މާއްދާތަކެކެވެ. އެހެންކަމުން މީގެން މާއްދާއެއް ހަށިގަނޑުން މަދުވެއްޖެނަމަ، ކަށިތަކުގެ ބާރު ދެރަވެ، މުރަނަވެ ހަލާކުވުމުގެ ފުރުސަތު އޮވެއެވެ. ކުޑަކުދިންގެ ކަށިތައް ހެދި ބޮޑުވުމަށް އަސަރުކޮށް ކަށި މަޑުވެ ފީވުންފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މިކަމުގެ ސަބަބުން ކުދިންގެ ކަށި ބިނދުމާއި އަތާފައިގެ ކަށިތައް ތެދަށް ބޮޑުނުވެ ހުރުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ކަށިތައް އަދި ހުޅުތަކުގެ ބަލިތަކަށް މަގުފަހިކޮށްދެއެވެ. ވިޓަމިން "ޑީ" މަދުވެ ކަށިތަކަށް އަސަރުކޮށްފިނަމަ، ކަށިތައް އަދި ހުޅުތަކުގައި ރިހުން ފަދަ އަލާމާތްތައް ފެނިދާނެއެވެ.
މިއަދުގެ ހޯދުންތަކަށް ބަލާއިރު މި ވިޓަމިނަކީ ހަމައެކަނި ކަށްޓަށް މުހިންމު މާއްދާއެއް ނޫނެވެ. ފަހުގެ ދިރާސާތައް ދައްކާގޮތުން ހަށިގަނޑުގެ އެހެނިހެން މަސައްކަތްތަކުގައިވެސް ވިޓަމިން "ޑީ"ގެ ދައުރު ބޮޑެވެ. މިގޮތުން "އިންސިއުލިން" އުފެއްދުމާއި، ދިފާއީ ނިޒާމުގެ މަސައްކަތުގައިވެސް ވިޓަމިން "ޑީ" މުހިންމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން މި ވިޓަމިން މަދުވެއްޖެނަމަ ހަކުރުބައްޔާއި އަދި ދިފާއީ ނިޒާމުގެ އެކި ބަލިތައް ޖެހުމަށްވެސް މަގުފަހިވެގެންދާކަމުގައި ދިރާސާތަކުން ދައްކައެވެ. އެހެންކަމުން "އޮޓޯއިމިއުން" ބަލިތަކުންނާއި އަދި ހަކުރުބަލި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވިޓަމިން "ޑީ"ގެ ދައުރު ވަރަށް މުހިންމެވެ. މީގެ އިތުރުން ހަށިގަނޑަށް ބޭނުންވާ އެކިއެކި "ހޯރމޯންސް"ތަކަށްވެސް ވިޓަމިން "ޑީ" މުހިންމެވެ.
ހަމަ މިއާއިއެކު ވިޓަމިން "ޑީ" މަދުވުމާއި ވަރަށް ގިނަ ނަފްސާނީ ބަލިތަކާއި ގުޅުމެއްވާކަމަށް އެންމެ ފަހުގެ ދިރާސާތައް ދައްކައެވެ.
ވިޓަމިން "ޑީ"އާއި ނަފްސާނީ ދުޅަހެޔޮކަމާއި ހުރި ގުޅުމަކީ ކޮބާ؟
ޑިޕްރެޝަން:
ދިރާސާތައް ދައްކާގޮތުން ފިނި މޫސުމުގައި ޑިޕްރެޝަން އިތުރުވުމުގެ އެއްސަބަބަކީ އިރުގެ އަލިކަން ލިބޭ މިންވަރު މަދުވެ ވިޓަމިން "ޑީ" މަދުވީމައެވެ. ހަމަ މިއާއިއެކު ޑިޕްރެޝަން ހުންނަ ފަރާތްރަކަށް ވިޓަމިން "ޑީ" ފަރުވާގެ ގޮތުގައި ބޭނުންކުރުމުން ބައްޔަށް ލުއިލިބިގެންދާ ކަމުގައިވެސް ދިރާސާތަކުން ދައްކައެވެ. ހަމަ މިއާއިއެކު އަމިއްލައަށް މަރުވުން ފަދަ ކަންކަމަށްވެސް ވިޓަމިން "ޑީ" މަދުވުމުން މަގުފަހިވާ ކަމުގައިވެސް 2013 އަދި 2023 ވަނަ އަހަރު ހެދިފައިހުރި ބައެއްދިރާސާތަކުގައި ފާހަގަކޮށްފައިވެއެވެ.

އޭޑީއެޗްޑީ
ވިޓަމިން "ޑި"އަކީ ކުޑަކުދިންގެ ސިކުނޑި ހެދި ބޮޑުވުމަށް ވަރަށް މުހިންމު މާއްދާއެކެވެ. މާބަނޑު ދުވަސްވަރު ވިޓަމިން "ޑީ" މިންގަނޑުގައި ހިފެހެއްޓުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާ އެއްސަބަބަކީ އޭޑީއެޗްޑީ އަދި އޯޓިޒަމްފަދަ ބަލިތަކުން ދަރިފުޅު ރައްކާތެރި ކުރުމަށެވެ. 2019 ވަނަ އަހަރު ހެދުނު ދިރާސާއެއް ދައްކާގޮތުން އޭޑީއެޗްޑީ ހުންނަކުދިންގެ ވިޓަމިން "ޑީ" ހުންނަ މިންވަރު ދަށްކަމުގައި ފާހަގަ ކުރެވިފައިވެއެވެ.
އެންޒައިޓީ/ ހާސްވުން
ވިޓަމިން "ޑީ" މަދުވުމުގެ ސަބަބުން ހާސްވުން ނުވަތަ އެންޒައިޓީއަށް މަގު ފަހިވާކަމަށްވެސް ދިރާސާތަކުން ފާހަގަކޮށްފައިވެއެވެ. އަދި މިބަލީގެ ފަރުވާގެ ތެރޭގައި ވިޓަމިން "ޑީ"ގެ ސަޕްލިމެންޓް ބޭނުންކުރުމުން ރަގަޅުވާ ނިސްބަތް އިތުރުވާކަމަށްވެސް ހޯދުންތައް ފާހަގަކޮށްފައިވެއެވެ.
މަތީގައި އެވާ ނަފްސާނީ ބަލިތަކުގެ އިތުރުން އޯ.ސީ.ޑީ، ޝިޒޮފްރޭނިޔާފަދަ ނަފްސާނީ ބަލިތަކަށްވެސް ވިޓަމިން "ޑީ" މަދުވުމުން މަގުފަހިވާ ކަމަށް ދިރާސާތަކުން ދައްކައެވެ. ނިދުމަށް އަސަރުކުރުމާއި، މާބޮޑަށް ދެރަވެ، ރުޅި އިސްކުރެވުން ފަދަ "މޫޑާއި" ގުޅުން ހުރި ތަފާުތު ނަފްސާނީ އަދަގޫތަކާއި ވިޓަމިން "ޑީ" މަދުވުމުން ދިމާވެއެވެ. ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ މީހުން ނުވަތަ މިކަމުގެ ރިސްކް ހުންނަ މީހުންނަށް އެންމެ ރަގަޅުގޮތަކީ މި ވިޓަމިން ނޯމަލް ރޭންޖްގެ މަތީގައި ބެހެއްޓުމެވެ.
ވިޓަމިން "ޑި"ގެ ނޯމަލް ރޭންޖަކީ ނުވަަތަ ލޭގައި ބަހައްޓަން ޖެހޭ މިންގަނޑަކީ ކޮބާ؟
| ތަފްސީލް | ng/mL* | nmol/L* |
| މިވަރަށް ހުރުމުން އެއީ ނުރައްކާތެރި މިންވަރަކަށް މަދުވުމެވެ. މީގެ ސަބަބުން މަތީގައިވާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.
|
<12 | <30 |
| ސިއްހަތު ރަގަޅު މީހުންގެ މިއީ ވިޓަމިން "ޑީ" ބެހެއްޓުން ރަގަޅު މިންވަރެކެވެ. | 12 to <20 | 30 to <50 |
| ކަށިތަކުގެ ބަލިތަކުން އަދި ނަފްސާނީ ބަލިތަކުން ރައްކާތެރި ވުމަށް ސިއްހަތު ރަގަޅަށް ހުންނަ މީހުންގެ ވިޓަމިން "ޑީ" ބެހެއްޓުން ރަގަޅު މިންވަރެކެވެ. | ≥20 | ≥50 |
| މި މިންވަރަށް ނުވަތަ އިތުރަށް ހުރެއްޖެނަމަ ވިޓަމިން "ޑީ" އިތުރު ވުމުން ދިމާވާ މައްސަލަތައް ދިމާވުން ގާތެވެ. | >50 | >125 |
ނޯޓު: މިއީ ލޭގައި ވިޓަމިން "ޑީ" ބެހެއްޓުމަށް ގިނަ ހޯދުންތަކަށް ބަލާ ކަނޑައެޅިފައިވާ އާންމު މިންގަނޑުކަމުގައި ވިޔަސް މި ޓެސްޓް ހަދާ އެމީހަކަށް ބޭނުންވާ މިންގަނޑު ނިންމާނީ އެމީހެއްގެ ހަށިގަނޑާއި އެހެނިހެން ކަންކަމަށް ރިއާއަތްކޮށް ފަރުވާދެއްވާ ޑޮކްޓަރެވެ.

ދުވާލެއްގެ މައްޗަށް ބޭނުންވާ ވިޓަމިން "ޑީ"ގެ މިންވަރަކީ ކޮބާ؟
ވިޓަމިން "ޑީ"އަކީ ހަންގަނޑަށް "ޔޫވީ ލައިޓް" ޖެހުމުން އުފެދޭ އެއްޗަކަށް ވާތީ އާއި، ވިޓަމިން "ޑީ" ގެ މިންވަރު އެކި އުމުރުގައި ތަފަަތުވުމާއި، އެކިމީހުންގެ ހަމުގެ ކުލަ ތަފާތުވުން ފަދަ ކަންކަމުގެ ސަބަބުން އެންމެނަށް ބޭނުންވަނީ މިވަނި ވަރެކޭ ސީދާ ބުނަނަ އުނދަގުވިނަމަވެސް އާންމު މީހުންނަށް ދުވާލަަކަށް ބޭނުންވާ ވިޓަމިން "ޑީ"ގެ އަންދާސީ މިންގަނޑު ތިރީގައި އެވަނީއެވެ.
| ގާތުންދޭ ދުވަސްވަރު | މާބަޑު ދުވަސްވަރު | ފިރިހެނުން | އަންހެނުން | އުމުރު |
| 400 IU(10 μg) | 400 IU(10 μg) | 0–12 months | ||
| 600 IU (15 μg) | 600 IU (15 μg) | 1–13 years | ||
| 600 IU (15 μg) | 600 IU (15 μg) | 600 IU (15 μg) | 600 IU (15 μg) | 14–18 years |
| 600 IU (15 μg) | 600 IU (15 μg) | 600 IU (15 μg) | 600 IU (15 μg) | 19–50 years |
| 600 IU (15 μg) | 600 IU (15 μg) | 51–70 years | ||
| 800 IU (20μg) | 800 IU (20μg) | >70 years |
Source: Institute of Medicine Food and Nutrition Board, Dietary Reference Intakes for Calcium and Vitamin D, National Academy Press, Washington, DC, 2010.
ހަށިގަނޑަށް ވިޓަމިން "ޑީ" ލިބިދޭގޮތްތަކަކީ ކޮބާ؟
އިރުގެ އަވި
އިރުގެ އަވިން ލިބިދޭ "ޔޫވީ ލައިޓް" އިންސާނާގެ ހަންގަނޑަށް ލިބުމުން ވިޓަމިން "ޑީ" އުފެއްދުމުގެ ގާބިލުކަން ހަންގަނޑަށް ލިބިގެންވެއެވެ. އެހެންކަމުން އެކަށީގެންވާ މިންވަރަށް ހަންގަނޑު ފޯރާނަމަ ހަށިގަނޑަށް މި ވިޓަމިން ލިއްބައިދެއެވެ. އެހެންނަމަވެސް އެ ލިބިދޭ މިންވަރު އެތަކެއް ކަމަކަށް ބަރޯސާވެއެވެ. މިގޮތުން ގުދުރަތީ ގޮތުން ދުނިޔޭގެ އެކި ހިސާބަށް އިރުގެ އަލި ލިބޭ މިންވަރު ތަފާތުވުމުން އެމީހަކު ދިރި އުޅޭތަނާއި، މޫސުމާއި، ހަމުގެ ކުލައާއި، ބޭނުންކުރާ "ސަންސްކްރީން"އާއި، ވައިގެ ތެތްކަމާއި، ވައިގެ ނުސާފުކަމާއި، ދުވަހުގެ ވަގުތުވެސް އަވިން ލިއްބައިދޭ މި ވި ޓަމިން ލިބިދޭ މިންވަރަށް އަސަރުކުރެއެވެ. މިސާލަކަށް އުޑުމަތީގައި ވިލާގިނަނަމަ "ޔޫވީ ލައިޓް" ލިބޭމިންވަރު ގާތްގަނޑަކަށް 50% ދައްވާކަމަށް ދިރާސަތަކުން ދައްކައެވެ. އަދި މީގެ އިތުރުން ކުޑަދޮރު ތަކުގެ ތެރެއިން އާންމުކޮށް "ޔޫވީ ލައިޓް"އަށް ދަތުރު ނުކުރެވޭތީ ގޭގެ ތެރެއިން ލިބޭ އަލިން ވިޓަމިން "ޑީ" ލިބޭ މިންވަރު ވަރަށް ކުޑަވާނެއެވެ. ހަމަ މިއާއިއެކު "ސަންސްކްރީން" ގެ "އެސް.ޕީ.އެފް" 15 އަށްވުރެ ގިނަ ނަމަ ހަންގަނޑުން ވިޓަމިން "ޑީ" އުފެއްދުމުގެ ފުރުސަތު ހަންގަނޑަކަށް ނޯވެއެވެ.
މިހުރިހާކަމެއްގެ ސަބަބުން ވިޓަމިން "ޑީ" ހަންގަނޑުން "ޔޫވީ ލައިޓް" ލިބިގެން އުފެއްދޭ ސީދާ މިންވަރު ދެނެގަންނަން އުދަގުވެއެވެ. އެހެންނަމަވެސް ބައެއް ދިރާސާތަކުން ދައްކާގޮތުގައި ހެނދުނު 10އަކުން މެންދުރު އަނބުރާ 3 އަކާއި ދެމެދު ގާތް ގަނޑަކަށް 5-30 މިނިޓު (މޫނު، ބުރަކަށި، އަތް، އަދި ފައި)އަށް އިރުގެ އަވި ލިބުމުން އެކަށިގެންވާ މިންވަރަށް ވިޓަމިން "ޑީ" ލިބިދެއެވެ. އިރުގެ އަލި ނުލިބޭ ހިސާބުތަކުގައި އުޅޭ މީހުންނަމަ "ޔޫވީ ލައިޓް" ލިބިދޭ އެނދުފަދަ އެއްޗެއް ހަފްތާއަކު 2 ދަވަހު ބޭނުންކުރުމުންވެސް ފުދޭނެއެވެ. ހަމަ މިއާއިއެކު މާގިނައިރު ގަދަ އަވީގައި އުޅުމުގެ ސަބަބުން ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިވެދާނެކަމަށް ބައެއް ދިރާސާތަކުން ފެންނާތީ އަވިން ވިޓަމިން "ޑީ" ހޯދާއިރު މާ ގިނަވަގުތު ގަދަ އަވީގައި ހޭދަނުކުރުމަށް ސަމާލުކަން ދޭންވާނެއެވެ.
ކާތަކެތި
އާންމުކޮށް ކެއުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ވިޓަމިން "ޑީ" އެންމެ ގިނަ އަދަދަކަށް ލިއްބައިދޭ ތަކެތި ތިރީގައި ލިޔެފައި އެވަނީއެވެ.
| މިންވަރު (IUs/serving) | ކާނާ |
| 1360 | 1 މޭޒުމަތީ ސަމުސާ މުހު ތެޔޮ |
| 447 | އޮޒް) 3 (.ކެއްކި ސޭމަން މަސް |
| 154 | އޮޒް) 3ކަނޑުމަސް ދަޅު ؛ ފެނުގައި ( |
| 137 | ވިޓަމިން "ޑީ" ފޯރޓިފައިޑް އޮރެންޖް ޖޫސް – 1 ތަށި |
| 115–124 | ވިޓަމިން "ޑީ" ފޯރޓިފައިޑް ކިރު – 1 ތަށި Milk |
| ≥80 | ވިޓަމިން "ޑީ" ފޯރޓިފައިޑް ޔޯގަޓު – 6 އޮޒް
|
| 60 | 1 މޭޒުމަތީ ސަމުސާ ވިޓަމިން "ޑީ" ފޯރޓިފައިޑް މާރޖެރިން
|
| 46 | ސާރޑިން މަސްދަޅު – ތެލުގައި –(2 އޮޒް) |
| 42 | ކެއްކި ގެރި މަސް (3 އޮޒް) |
| 41 | ބިހުގެ ގޮބޮޅި 1 |
| ≥40 | ވިޓަމިން "ޑީ" ފޯރޓިފައިޑް ސީރިއަލް – 1 ޖޯޑު
|
| 6 | ޗީޒް (1 އޮޒް) |
Source: Published information by the Institute of Medicine Food and Nutrition Board, (2010) Dietary Reference Intakes for Calcium and Vitamin D, National Academy Press, Washington, DC; A.R.S. U.S. Department of Agriculture, (2011) USDA National Nutrient Database for Standard Reference, Release 24
ސަޕްލިމެންޓްސް/ބޭސް
މިއަދުގެ ދުނިޔޭގައި ވިޓަމިން ލިއްބައިދޭ އެތަކެއް ބޭސްތަކެއް އެބަހުއްޓެވެ. ވިޓަމިން "ޑީ"ގެ މައިގަނޑު ދެ ބާވަތެއް ހުންނައިރު މިދެބާވަތުގެ ބޭސް މިއަދު ލިބެން އެބަހުއްޓެވެ. (ބޭސް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުންނެވެ.)
ވިޓެމިން "ޑީ" މަދުވުމަށް ދިމާވެދާނެ ސަބަބުތައް
ސިއްހަތު ރަގަޅު މީހުން، އެމީހުންގެ ކެއުމުގައި މި މާއްދާ ހިމެނޭނަމަ އަދި އާންމުގޮތެއްގައި ކޮންމެވެސް ވަރަކަށް އިރުގެ އަވި އިރުގެ އަލި ގަވާއިދުން ލިބޭނަމަ ހަށިގަނޑުގައި މި މާއްދާ ދައްނުވެ ހިފެހެއްޓެއެވެ. އެހެންނަމަވެސް ބައެއް ފަހަރު ވިޓަމިން "ޑީ" ދައްވުމަށް މެދުވެރިވާ ބައެއް ސަބަބުތައް ދިރާސާތަކުން ފާހަގަ ކުރެވިފައި އެބަހުއްޓެވެ. މިގޮތުން އާންމުގޮތެއްގައި އަވި ނުލިބޭ ހިސާބުގައި ދިރިއުޅޭ މީހުންނާއި ގިނަ ވަގުތުތައް ގޭގެ ތެރޭގައި ހޭދަކުރާ މީހުންގެ މި ވިޓަމިން މަދުވުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުންވެސް މި ވިޓަމިން މަދުވާން ދިމާވާ ބައެއް ސަބަބުތައް ތިރީގައި އެވަނީއެވެ.

ގާތުން ދިނުން
ބައެއް ދިރާސާތަކުން ދައްކާގޮތުގައި ހަމައެކަނި ގާތުން ދޭ ކުދިންނަށް ވިޓަމިން "ޑީ" ލިބޭ މިންވަރު ދަށެވެ. އެހެންކަމުން އާންމުގޮތެއްގައި ތުއްތު ކުދިންނަށް ގަވާއިދުން ވަކި އުމުރެއް ވަންދެން ދިނުމަށް ޑޮކްޓަރުން އިރުޝާދުދެއްވައެވެ. އަދި މި ގޮތަށް މިކަން ރާއްޖެ ހިމެނޭހެން ކުރަމުންވެސް ގެންދެއެވެ.
އުމުރު
އެކި އުމުރުގައި ހަށިގަނޑުގައި ވިޓަމިން "ޑީ" މަސައްކަތް ކުރާ މިންވަރު ތަފާތުވެއެވެ. އެގޮތުން އުމުރުން ދުވަސް ވުމުން "ކެލްޝިއަމް" ހަށިގަނޑުން ނަގައިދޭ މިންވަރު ދައްވެއެވެ. މިއާއިއެކު ވިޓަމިން "ޑީ"ގެ މަސައްކަތަށްވެސް ތަފާތުއާދެއެވެ. އުމުރުން ދޮށީވުމުން އަތްވަށް ނިކުންނަ މިންވަރު މަދުވުމުންވެސް މި ވިޓަމިން އުމުރުން ދޮށީ މީހުންގެ މަދުވާން ދިމާވާ ސަބަބަކަށް ވެދާނެއެވެ. ހަމަ މިއާއިއެކު އުމުރުން ދޮށީވުމުން ގޮހޮރަށް އަންނަ ބަދަލުތަކާއި ގުޅިގެން ކާއެއްޗެހިން ހަށިގަނޑަށް ލިއްބައިދޭ މިންވަރު ދަށްވެއެވެ. ހަމަ މިއާއިއެކު ކިޑްނީގެ މަސައްކަތަށް އަދި ފުރަމޭގެ މަސައްކަތަށް އުމުރާއި ގުޅިގެން އަންނަ ބަދަލުތަކާއި ގުޅިގެންވެސް ހަށިގަނޑުގައި ވިޓަމިން "ޑީ" މަދުވާގޮތް މެދުވެރިވެއެވެ.
ސަރުބީ
ވިޓަމިން "ޑީ" އަކީ ސަރުބީއާއި އެކުވާ ވިޓަމިނެއްކަމުން ސަރުބީ މަދުން ހަށިގަނޑަށް ނަގައިދޭފަދަ ހާލަތްތައް ނުވަތަ ބަލިތައް ހުންނަ މީހުންގެ މި ވިޓަމިން މަދުވާކަމަށް ފާހަގަ ކުރެވެއެވެ. މިސާލަކަށް ގޮހޮރުގެ ބައެއް ބަލިތަކާއި "ސިސްޓިކް ފިބްރޯސިސް" ފަދަ ބަލިތައް ހުންނަ ފަރާތްތަކާއި ފުރަމޭގެ ބަލިތައް ހުންނަ މީހުންގެވެސް މި ވިޓަމިން ދައްވާގޮތް މެދުވެރިވެއެވެ.
ބަރުދަން އިތުރުވުން
ބައެއް ދިރާސަތަކުން ދައްކާގޮތުގައި ހަށިގަނޑުގެ ބަރުދަން އިތުރުވާނަމަ ސަރުބީ "ސެލް"ތަކުން ވިޓަމިން "ޑީ" ހަށިގަނޑަށް ނަގައިދިނުމަށް ބުރޫއަރައި ވިޓަމިން "ޑީ" ދައްވާގޮތް މެދުވެރިވެއެވެ.
ބައެއް ބޭސްތައް
ފިޓުޖެހުމުން ބޭނުންކުރާ ބައެއް ބޭސްތަކާއި، "ސްޓެޜޮއިޑް" ފަދަ ބައެއް ބޭސްތަކާއި އަދި ސަރުބީ ގިނަވުމުން ބޭނުންކުރާ ބައެއް ބޭސްތަން ބޭނުންކުރާ ފަރާތްތަކުގެ ވެސް އާންމު މީހުންނާއި އަޅާ ބަލާއިރު ވިޓަމިން "ޑީ" ދައްވުމުގެ ފުރުސަތު ބޮޑުވާކަމަށް ދިރާސާތަކުން ދައްކައެވެ.
ވިޓަމިން "ޑީ" ގިނަވުމަކީ މައްސަލައެއްތަ؟
ވިޓަމިން "ޑީ"އަކީ ހަށިގަނޑުގައި ދިގު މުއްދަތަކަށް ހުންނަ މާއްދާއަކަށް ވުމުން މާގިނައިން ވިޓަމިން "ޑީ" ސަޕްލިމެންޓްސް ބޭނުންކުރެވިއްޖެނަމަ ވިހަވެ ހަށިގަނޑަށް ގެއްލުންވެއެވެ. މީގެ ސަބަބުން ހިތުގެ ހިނގުމަށް ބަދަލުއަުމާއި، ބަރުދަން ލުއިވުމާއި، ކުޑަކަމުދާ ތަކެތީގައި "ކެލްޝިއަމް" ގިނަ ވުމާއި، ލޭގައި "ކެލްޝިއަމް" ގިނަވުމާއި، މަސްތަކުގެ ބާރު ދެރަވުމާއި، މޭނުބައި ކުރުންފަދަ އެތަކެއް މައްސަލަތަކެއް ދިމާވެއެވެ. މީގެ އިތުރުން ފުއްޕާމެއާއި، ކިޑްނީ އަދި ހިތުގެ ލޭ ހޮޅިތަކުގައި "ކެލްޝިއަމް" ޖެހުންފަދަ ކަންކަން ހިމެނެއެވެ. ވިޓަމިން "ޑީ" ގިނަ ވުމަކީ ޑޮކްޓަރުގެ އިރުޝާދާއިއެކު އަވަސް ފަރުވާ ހޯދަންޖެހޭކަމެކެވެ. އެކި ބަލިތައް ތަހައްމަލުކުރާ ވިޓަމިން "ޑީ" ބޭސް ނަގާ ފަރާތްތަކުން މިކަމަށް ސަމާލުވުން މުހިންމެވެ.
ނިންމުން
މަތީގައި ބުނެދެވުނު ފަދައިން ވިޓަމިން "ޑީ" އަކީ ހަށިގަނޑުގެ ވަރަށް ގިނަ މަސައްކަތްތަކެއް ފުރިހަމަ ކުރުމަށް ވަރަށް މުހިންމު މާއްދާއެކެވެ. މި މާއްދާ މަދުވެއްޖެނަމަ "ކެލްޝިއަމް" ފަދަ އެހެން މާއްދާތަކުގެ މަސައްކަތަށްވެސް ބުރޫެއަރައެވެ. ވިޓަމިން "ޑީ" މަދުވުމުގެ ސަބަބުން ކަށީގެ ބަލިތަކުން ފެށިގެން ގޮސް، އެތެރެ ހަށީގެ އެތަކެއްބައްޔެއްގެ އިތުރުން ޑިޕްރެޝަންފަދަ އާންމު ނަފްސާނީ ބަލިތަކަކަށްވެސް މަގުފަހިކުރުވާ ކަމެކެވެ. ހަމަ މި ބީދައިން ވިޓަމިން "ޑީ" މިނަށްވުރެ ގިނަވުމަކީވެސް ނުރައްކާތެރި ކަމެކެވެ. އެހެންކަމުން ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ ފަރާތްތަކުންނާއި، އިރުގެ އަލި މަދުން ލިބޭ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކެއުމުގައި މި މާއްދާ ހިމެނޭ ކާނާ ހިމެނުމާއި، އިރުގެ އަލި މެދުމިންވަރަކަށް ގަވާއިދުން ހޯދުމުގެ އިތުރުން އަލާމާތެއް ފެންނަނަމަ ޑޮކްޓަރެއްގެ އިރުޝާދާެއިއެކު ފަރުވާކުރިއަށް ގެންދަންވާނެއެވެ. ވިޓަމިން "ޑީ" ރަގަޅަށް ހުރުމަކީ ނަފްސާނީ ގޮތުންނާއި އަދި ޖިސްމާނީ ދުޅަހެހޮކަމަށް މުހިންމުކަމެކެވެ.
ނޯޓު: ދިވެހިންނަކީ ހަމުގެ ކުލައިގެ ގޮތުން ޕިގަމެންޓް ގިނަ ބައެކެވެ. ބައެއް ދިރާސާތައް ދައްކާގޮތުން ހަމުގެ ކުލަ ދޮން ނޫން މިފަދަ ފަރާތްތަކަށް ފިނި ގައުމުފަދަ ތަންތަނުގައި ހަމުގެ ކުލަ އަލި މީހުންނަށްވުރެ އަވަހަށް ވިޓަމިން "ޑީ" މަދުވެއެވެ. ގިނަދުވަހު މިފަދަ ގައުމުތަކުގައި އުޅޭ އަޅުގަނޑުމެންގެ ހަމުގެ ކުލައިގެ ދަރިވަރުންނާއި މީހުންގެ ކިބައިން މި ވިޓަމިން މަދުވެ އެކި ނަފްސާނީ މައްސަލަތަކާއި ކުރިމަތިވާކަން އަމިއްލަ ތަޖުރިބާއިން އަދި ދިރާސަތަކުގެ އަލީގައި ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން ދިގު މުއްދަތަކަށް (1 އަހަރަށްވުރެ ގިނަ ދުވަހު) ފިނި މޫސުން އަންނަ ގައުމެއްގައި އުޅޭނަމަ ވިޓަމިން "ޑީ" ހުންނަ މިންވަރު ބަލާލުމަށް އިރުޝާދުދެމެވެ.
References
Nih.gov. (2025). Office of Dietary Supplements – Vitamin D. [online] Available at: https://ods.od.nih.gov/factsheets/VitaminD-HealthProfessional/?uid=8568cb9858e5fs16.
Gittoes, N.J. (2016). Vitamin D – what is normal according to latest research and how should we deal with it? Clinical Medicine, 16(2), pp.171–174. doi:https://doi.org/10.7861/clinmedicine.16-2-171.
Shareefa Abdullah AlGhamdi (2024). Effectiveness of Vitamin D on Neurological and Mental Disorders. Diseases, 12(6), pp.131–131. doi:https://doi.org/10.3390/diseases12060131.
Greenblatt, J. (2024). The Role of Vitamin D Deficiency in Mental Illness | Psychiatry Redefined. [online] Psychiatry Redefined. Available at: https://www.psychiatryredefined.org/mental-health-in-the-sun-the-role-of-vitamin-d-deficiency-in-mental-illness/.
Zempleni, J., Suttie, J.W., Gregory, J.F. and Stover, P.J. (2014). Handbook of vitamins. Boca Raton: CRC Press, Taylor & Francis Group