މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާ އަޅައިފި

"މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު" ގެ ނަމުގައި ރާއްޖޭގައި ޤާއިމުކުރާ ބައިނަލްއަޤްވާމީ ފުރަތަމަ މާލީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރާ މި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 3 ގައެވެ.

ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރަމްޒީ ޕްލާގު އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން ޢީދް އަލް ޘާނީއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ ރޭ ކުރުންބާ މޯލްޑިވެސް ގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައެވެ.

މިއަދު ބޭއްވި އެ ސެންޓަރުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރުގެ ނައިބް އަޙްމަދު ސާއިދު މުސްޠަފާ ވިދާޅުވީ، މިއީ ރާއްޖޭގެ އިޤްތިޞާދު މުޅިން ބަދަލުކޮށްލާ، ވަކިން ޚާއްސަކޮށް ފަތުރުވެރިން އައު ހަރުފަތަކަށް ގެންގޮސްދޭނެ މަޝްރޫޢެއްކަމަށެވެ. މިއަހަރު ރާއްޖޭގެ އިޤްތިޞާދު %6.4 ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، މިއަދު މި ފެށޭ މަޝްރޫޢާއެކު އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައިވެސް އައު ދޮރުތަކެއް ހުޅުވިގެންދާނެކަމަށެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގައި އެންމެ މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރަކާއި، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރާ ކޮންވެންޝަން ވެނިއުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި، ޘަޤާފީ ހަރަކާތްތަކާއި، އައު އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބޭއްވޭނެއެވެ.

އަދި މިސެންޓަރ ތަރައްޤީކޮށް ނިމޭއިރު، ހިމެނޭ ތަންތަނުގެ ތެރޭގައި ބައިނަލްއަޤްވާމީ މައި އޮފީސްތަކާއި ސަރަޙައްދީ އޮފީސްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކެއް ހުންނާނެއެވެ. އަދި މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި، ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތެއްގެ އިތުރުން، ބައިނަލްއަޤްވާމީ ސްކޫލެއް ހިމެނޭހެން ފެންވަރު ރަނގަޅު ތަޢުލީމީ ވަސީލަތްތަކެއް މި ސަރަހައްދުގައި ޤާއިމްކުރެވޭނެއެވެ.

މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތަކާއި، ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތަކާއި، ފުޅާ ދާއިރާއެއްގައި ގަސްގަހާގެހި އިންދާފައިވާ ސަރަޙައްދުތަކުގެ ތެރެއިން ހިޔާލިބޭ މަގުތައްވެސް ހުންނާނެއެވެ. އެންމެ ޒަމާނީ އޮފީސް ޖާގަތަކާއެކު، ފާހަގަކޮށްލެވޭ ފިހާރަތަކާއި، މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކާއި، ޘަޤާފީ ތަންތަން ވެސް ހުންނާނެއެވެ.

މި މަޝްރޫޢުގައި ތަރައްގީކުރެވޭ ސަރަހައްދުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫއު ނިންމުމަށް އަމާޒު ހިފާފައިވަނީ 2030 ވަނަ އަހަރު އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *