އިންޑިއާ އާއި ޕާކިސްތާނުން ހަމަލާދޭން ފަށައިފިއެވެ.
އިންޑިއާއިން ޕާކިސްތާނުގެ 9 ސަރަހައްދަކަށް މިސައިލް ހަމަލާތަކެއް ދިންތާ ގަޑިއިރުތަކެއް ފަހުން ޕާކިސްތާނުން ވަނީ އެ ހަމަލާތަކަށް ބަދަލު ހިފާނެ ކަމަށް ބުނެފަ އެވެ.
ސްކައި ނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އައްތައުالله ތަރާރު ވިދާޅުވީ އިންޑިއާގެ ހަރުކަށި އަމަލުތަކަށް މިވަގުތު އިޖާބަ ދެމުން އަންނަ ކަމަށާއި، އެގޮތުން އިންޑިއާއިން ދިން ވައިގެ ހަމަލާތަކަށް އެ ގައުމުން ވަރަށް ރަނގަޅަށް ރައްދު ދީ، އިންޑިއާގެ ތިން ޖެޓާއި އެއް ޑްރޯން ވައްޓާލާފައިވާ ކަމަށެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ބްރީފިންއެއްގައި ވިދާޅުވީ މިސައިލް ހަމަލާތަކުގައި 8 މީހުން މަރުވުމުގެ އިތުރުން 35 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ޕަންޖާބުގެ ބަހާވަލްޕޫރު ސިޓީގެ މިސްކިތަކަށް ދިން ހަމަލާއެއްގައި މަރުވި ކުޑަކުއްޖަކާއި އިތުރު ދެ މީހަކު ވެސް ހިމެނޭ ކަމަށް ޕާކިސްތާނުގެ އޮފިޝަލުން ބުނެ އެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ޕާކިސްތާނު ސިފައިން ދިން ހަމަލާތަކުގައި އާންމުންގެ ތިން މީހަކު ވެސް މަރުވެފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ބަޑިން ޙަމަލާދީ 26 މީހުން ވަނީ މަރާލައިފައެވެ.
އެ ޙަމަލާދިން ތިން މީހުން ހޯދުމަށް އިންޑިޔާއިން ވަރުގަދަ އަސްކަރީ ޙަރަކާތެއް ހިންގަމުންދާއިރު، އޭގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އިންޑިޔާއިން ވަނީ ތުހުމަތުކޮށްފައެވެ.




