މުލި އެއަރޕޯޓަށް މިމަހުގެ 15 އިން ފެށިގެން ކޮމާޝަލް ދަތުރުތައް ބޭއްވޭގޮތަށް އެއަރލައިންތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މުލީ އެއާޕޯޓް ހިންގާ ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވީ، މުލި އެއަރޕޯޓަށް ދަތުރުތައް ފެށުމަށް އެކަމާ ގުޅޭ މަޢުލޫމާތު އެއާލައިންތަކާ ހިއްސާކޮށްފައިވާކަމަށެވެ. އެގޮތުން މޯލްޑިވިއަން، ވިލާ އެއަރ، އަދި މަންޓާއަށްވެސް އެމަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މި އެއަރޕޯޓް ތަރައްޤީކުރުމަށް 36 ހެކްޓަރުގެ ބިން އެރަށުން ވަނީ ހިއްކާފައެވެ. ޓެސްޓް ފްލައިޓްގެ ގޮތުގައި މުލީ އެއަޕޯޓަށް ޖައްސާފައި ވަނީ ޤައުމީ އެއަލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވާ މި އެއަރޕޯޓަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓެކެވެ. މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީއެވެ.
މުލީގައި އެއަޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢުއަކީ ސަރުކާރުން 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.
މުބީން ވިދާޅުވީ މުއްޔަށް ދަތުރުތައް ފެށުމަށް މިހާތަނަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވަނީ މޯލްޑިވިއަންއިންކަމަށެވެ. އެގޮތުން މިމަހުގެ 17 ގައި މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެށުމަށް މަޝްވަރާކޮށްފައިވާކަމަށް މުބީން ވިދާޅުވިއެވެ.
މުލީ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައސާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުއެވެ. މުލި އެއަރޕޯޓް މިމަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ. އެއަރޕޯޓް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.