އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހަނގުރާމައަކަށް ބަދަލުވެ އިންޑިއާގެ އެކި ހިސާބުތަކަށް ބޮން އަޅަން ފަށާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން އިއުލާނުކޮށްފި އެވެ.
މިދިޔަ މަހު ފަހުކޮޅު ކަޝްމީރުގެ އިންޑިއާ ފަޅީގައި ދިން ބަޑީގެ ހަމަލާތަކެއްގައި 26 މީހަކު މަރާލި ހާދިސާގެ ޒިންމާ ޕާކިސްތާނުން ނަގަންޖެހޭނެ ކަމަށް ބުނެ އިންޑިއާއިން މީގެ ދެ ދުވަސް ކުރިން ޕާކިސްތާނާއި ކަޝްމީރުގެ ނުވަސަރަހައްދަކަށް ދިން މިސައިލް ހަމަލާގައި ޕާކިސްތާނުން ވަނީ 8 މީހުން މަރުވެފައެވެ.
އެއަށްފަހު އިންޑިއާއިން ކުރިއަށްގެންދާ "އޮޕަރޭޝަން ސިންދޫރު" ގެ ދަށުން އިންޑިއާއިން ޕާކިސްތާނުގެ އެތެރޭގެ އެކި ސަރަހައްދުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަށް ރޭ އިންޑިއާއިން ހަމަލާ ދިނުމާގުޅިގެން ރައްދުގައި ޕާކިސްތާނުން ވަނީ "އޮޕަރޭޝަން ބުންޔާނުލް މަރްސޫސް" ގެ ދަށުން އިންޑިއާއަށް ރައްދު ހަމަލާ ދޭން ފަށާފައެވެ.
އިންޑިއާއިން މިރޭ ވަނީ ޕާކިސްތާނުގެ ވައިގެ ސިފައިންގެ ތިން މަރުކަޒަކަށް މިސައިލުން ހަމަލާ ދީފަ އެވެ. އޭގެ ތެރެއިން އެއް ހަމަލާ ވެރިރަށް އިސްލާމްއާބާދުގެ ކައިރީގައި ހުރި މަރުކަޒަކަށް ވެސް އަމާޒުކޮށްފައިވެ އެވެ.
.ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު އަހްމަދު ޝަރީފް ޗައުދަރީ ދެއްވި ބަޔާނެއްގައި ވިދާޅުވީ އިންޑިއާއިން ވައިގެ ތިން މަރުކަޒަކަށް އަމާޒުކޮށް "މިސައިލް ހަމަލާތަކެއް" ދީފައި ވާއިރު އޭގެ ތެރެއިން ގިނަ މިސައިލްތައް އިންޓަސެޕްޓުކޮށް ވައްޓާލާފައިވާ ކަމަށާއި، ނަމަވެސް ހަމަލާތަކުގައި ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ.
ޕާކިސްތާނުގެ އަސްކަރީ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ އުދަމްޕޫރު ސިޓީގައި ހުންނަ އެއާބޭސްއަކާއި ޕަތަންކޮޓްގެ އެއާފީލްޑަކަށް ޕާކިސްތާނުން ހަމަލާދީ އެ ތަންތަން ވަނީ ހަލާކުކޮށްލައިފަ އެވެ.
މީގެ އިތުރުން އިންޑިއާގެ ޕަންޖާބު ޕްރޮވިންސްގެ ބިޔަސްގައި ހުންނަ ބްރަހްމޯސް މިސައިލް ސްޓޯރޭޖް ފެސިލިޓީއަކަށް ވެސް ހަމަލާދީފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފަ އެވެ.




