ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ނުވަތަ ޖެނެރޭޝަނަލް ބޭން އެއް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ކުރައްވަމުގެންދަވާ މަސައްކަތްފުޅަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މަރުހަބާ ކިޔައިފި އެވެ.
ޖެނެރޭޝަން ބޭން އަކީ ރައީސް ޑރ މުއިއްޒުގެ އިސްނެންގެވުމާއެކު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ދުންފަތް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހެކެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ. އަދި ދުންފަތުގެ ބާވަތެއް ގަންނަނީ ކާކުކަން ނޭނގޭ ފަދަ ގޮތަކަށް ވެންޑިން މެޝިނަކުން ނުވަތަ އޮންލައިންކޮށްނާއި ޕޯސްޓް މެދުވެރިކޮށް ވެސް ދުންފަތާ ގުޅޭ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށެވެ.
އެހެންކަމުން 1 ޖެނުއަރީ 2007 ގެ ފަހުން އުފަންވާ މީހުންނަށް ދުންފަތް ވިއްކުން މަނާ ވާނެއެވެ. އަދި ދުންފަތް ވިއްކާ ފަރާތްތަކުން އެމީހާގެ އުމުރު ނުވަތަ އުފަންތާރީހް ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.
އެ އިސްލާހު ރައްޔިޮތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ބުނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ނިންމި ނިންމުމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި ރާއްޖޭގެ އެ ނިންމުން ވެގެން ގޮސްފައިވަނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުޅަހެޔޮ ޖީލެއް އުފެއްދުމަށް ދެކުނު އިރުމަތީ އޭޝިޔާގެ ސަރަހައްދުގެ ގައުމަކުން އެޅި މިފަދަ ފުރަތަމަ ފިޔަވަޅުކަންވެސް ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން ސަރުކާރުގެ އިނިންމުމަށް އެ ޖަމިއްޔާއިން މަރުިހަބާ ދަންނަވައި ރައީސް ޑރ މުއިއްޒު އެކަން ހަގީގަތަކަށް ހެއްދެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް ތައުރީފް ކުރައްވާފައިވެސް ވެއެވެ.