ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، (އެސް.ޓީ.އޯ) އަށް މިދިޔަ 2024 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާގެ މަގުން 17 މިލިއަންރުފިޔާ ބަހައިފިއެވެ.
ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވަނީ 2024 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި 90 މިލިއަން ރުފިޔާ ބަހަން ނިންމައި ހިއްސާއަކަށް 80 ރުފިޔ ބަހަން ނިންމާފައެވެ. އެގޮތުން ހިއްސާދާރުންނަށް ބަހަން ނިންމި 90 މިލިއަން ރުފިޔާގެ ތެރެއިން 73 މިލިއަން ލިބޭނީ ސަރުކާރަށެވެ. އެ ކުންފުނީގެ އާންމު މެމްބަރުންގެ މެދުގައި ބަހާފައިވަނީ 17 މިލިއަން ރުފިޔާ އެވެ.
އެގޮތަށް ނިންމާފައިވަނީ ޖަލަސާގައި ބައިވެރިވި މެމްބަރުންގެ 99 އިންސަތަ ވޯޓުންނެވެ. މި ޖަލްސާގައި 162 ހިއްސާދާރުންނާއި 67 ޕްރޮކްސީ ހޯލްޑަރުން ވަނީ ބައިވެރިވެފައެވެ.
2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 15.4 ބިލިޔަން ރުފިޔާ އެސްޓީއޯ އަށް ލިބިފައިވާއިރު މި އަދަދަކީ 2023 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެގޮތުގައި ލިބުނު 16.4 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 7 އިންސައްތަ ދަށް އަދަދެކެވެ.
މި ޖަލްސާގައި މެމްބަރުންގެ ވޯޓުން 2023 ވަނަ އަހަރުގެ ޔައުމިއްޔާ އާއި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި، ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް އެ ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 67،500 އެމެރިކާ ޑޮލަރު ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ.
މިޖަލްސާގައި ވަނީ އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރަކަށް މުހައްމަދު އަހުސަން ސަލީމް ހިއްސާދާރުންގެ ވޯޓުން އައްޔަންކޮށްފަޢެއެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ 99.71 އިންސައްތަ ހިއްސާދާރުންގެ ވޯޓާއި އެކުގައެވެ.