2024 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބުނު ފައިދާއިން 296 މިލިއަން ރުފިޔާ، ހިއްސާއަކަށް 55 ރުފިޔާ ގެ މަގުން ބަހަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ.
ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި އަހަރީ ޖަލްސާގައި އެގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި 481 ހިއްސާދާރުންގެ ވޯޓާއެކުގައެވެ. ބޭންކް އޮފް މޯލްޑިވެސްގެ ތާރީހުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދު ބެހުމަށް ރޭ ބޭއްވި އާންމު ޖަލްސާގައި ފާސްކުރުމަށްފަހު އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފު ވިދާޅުވީ މި ރެކޯޑު އަދަދުގެ ފައިދާއަކީ ބޭންކުގެ ވިޔަފާރީގެ ހަރުދަނާކަމާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ހިއްސާއަކަށް 55 ރުފިޔާގެ މަގުން، ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި އެ ބޭންކުން 296 މިލިއަން ރުފިޔާ ބަހާނެ އެވެ. މިއީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށް ވުރެ 5 ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި އެ ކުންފުނިން ވަނީ ޖުމްލަ 269 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހައިފަ އެވެ.
ބީއެމްއެލް އިން ބުނީ ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝާ ޑޭޓްއާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.