ހަނގުރާމަ ފެށީ އިޒްރޭލާއި އެމެރިކާއިން ކަމަށާއި، އެކަމުގެ ހިތިރަހަ މިހާރު އެމީހުންގެ އަރުތެރޭގައި ލާނެކަމުގައި އީރާނުގެ ސިފައިންގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް މޫސަވީ ބުނެފިއެވެ.
ޢަބްދުއްރަޙީމް މޫސަވީ ބުނެފަވަނީ ހަނގުރާމައެއްކުރުމުގެ އެއްވެސް ޝައުޤުވެރިކަމެއް މީގެ ކުރީން އީރާނުން ނުގެންގުޅޭކަމަށާއި، އެހެން ނަމަވެސް، އީރާނަށް އިސްވެ އޮވެ އިޒްރޭލުން ހަމަލާދިނީ އެމެރިކާގެ ރުހުމާއެކު ކަމާއި، އޭގެ ބަދަލުގައި ދިފާޢުގައި އިޒްރޭލާއި އެމެރިކާގެ ހުރިހާ ބޭސްތަކެއް ނައްތާލަން ކުރަންޖެހުނު ހުރިހާ ހަނގުރާމައެއް މިފަހަރު ކޮށްފަނޫނީ ނުހުއްޓާނެކަމަށެވެ.

މިއަދު ވަގުތެއްގައި މެދުއިރުމަތީގެ މީޑިއާ ރިޕޯޓުތަށް ބުނެފައިވާ ގޮތުގައި އިޒްރޭލުންވަނީ ގަތަރު ސަރުކާރު މެދުވެރިކޮށް، ހަނގުރާމަ ހުއްޓާލަން ބޭނުންވާކަން އީރާނަށް އަންގައިދިނުމަށް އެދިފައެވެ. އެހެން ނަމަވެސް، އީރާނުން ބުނެފަވަނީ މަދުވެގެން މިހަނގުރާމަ 2 އަހަރު ދުވަހަށް ދިގުދެމިގެންދާނެކަމުގައި އީރާނުން ބުނެފައިވެއެވެ.
އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާތަކާއި ގުޅިގެން، މަސްރަޙު ހޫނުވެފައިވަނިކޮށް، އީރާނުގެ ޚާރިޖީ ވަޒީރު ރަޝިއާއަށް ގޮސް ރައީސް ޕުޓިން އާއި މަޝްވަރާ ކުރި ހިސާބުން އިޒްރޭލުން ހަނގުރާމަ ނިންމަން ބޭނުންވިކަމުގައި މެދުއިރުމަތީ ޚަބަރު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ. ސަބަބަކީ، އީރާނުން ހަމަލާތަށް ފުރަތަމަ ދިން ގޮތަށްވުރެ މިހާރު އިރާނު ސިފައިންގެ ޙަމަލާތަށް އެކިއުރޭޓުވެފައި، އިޒްރޭލުގެ އެންމެ އެތެރެ ސަރަޙައްދުގެ ބޭނުން ލޮކޭޝަނަށް ހަމަލާދޭތީއެވެ. އިރާން ހަނގުރާމަ ދިގު ދެމިގެން ހިނގައިގެން ހިނގައްޖެނަމަ، އިޒްރޭލު ދެމި އޮތުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެކަމެއް ޝައްކެތް އޮތް ކަމެއް ނޫނެވެ.
ނިއުޔޯކް ޓައިމްސްގައި މިރޭ ބުނެފައިވާ ގޮތުން، އެމެރިކާ ބޭސްތަކަށް އިރާނުން ދީފައިވާ ހަމަލާތަކަކީ ވަރުގަދަ ހަމަލާތަކެއް ނަމަވެސް، އޭގެ ރައްދުގައި ހަމަލާދިނުމަށް ޓްރަމްޕް ވިސްނާފައިނުވާކަމަށެވެ. ބެލެވެނީ، އިރާނަށް ހަމަލާދިނުމާއެކު، އެމެރިކާގެ ކޮންގްރެސް މެމްބަރުންގެ މެދުގައި ޓްރަމްޕަށް އޮތް ތާއީދު އިންތިހާއަށް ކުޑަވެ، އޭނާ މަޤާމުން ދުރުކޮށްފާނެތީކަމުގައި ބެލެވެއެވެ. ކޮންމެއަކަސް، އީރާނަށް ހަމަލާދީފިނަމަ، އޭގެ ރައްދުގައި ވަރުގަދަ ހަމަލާތަކެއް އީރާނުން ދޭނެކަން ޚުދު އެމެރިކާގެ އަސްކަރިއްޔާއަށް ރަނގަޅަށް އެނގޭނެއެވެ.




