އަޑިއަށްދިޔަ "އޯޝަނިކް އެކްސްޕްރެސް"ގައި ހުރި ސާމާނު އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
މި ބޯޓު އަދިއަށް ދިޔައީ މާލެއިން ފުރައިގެން ލ.ހިތަދޫއަށް ދަތުރުކުރަމުންދަނިކޮށް ބޯޓަށް ކޮންޓްރޯލް ނުވާވަރަށް ދިޔަވެ، ކ.ރިހިވެލި ކަނޑުއޮޅި ކައިރިއަށެވެ. ގިނަ އަދަދެއްގެ މުދަލާއެކު ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ މި ބޯޓުން ދަތުރު ކުރި 12 މީހުން ސަލާމަތުން ރޭ ވަނީ މާލެ ގެނެސްފައެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓުން ދަތުރުކުރީ 8 ދިވެހީންނާއި ހަތަރު ބިދޭސީން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓުގައި ތިބި އެންމެން ސަލާމަތްތެރިކަމާ އެކު ރޭ 22:52 ހާއިރު މާލެ ގެނެސްފައިވާ ކަމަށެވެ. އެ މީހުން މާލެ ގެނެސްފައި ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބާކްރާފްޓް 113ގައި ކަމަށް ބުންޏެވެ.




