ޑިފެންސް މިނިސްޓަރު ޤައްސާނާއެކު ތ. އަތޮޅަށް ނިސްބަތްވާ 4 ދާއިރާގެ މަަޖިލީސް މެމްބަރުން އެއަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފިއެވެ.
ޕީއެންސީގެ ނައިބްރައީސްގެ ގޮތުގައިވެސް ހުންނެވި ޑިފެންސް މިނިސްޓަރު ޤައްސާން މައުމޫނާއެކު ކޮޅުމަޑުލަށް ނިސްބަތްވާ ހުރިހާ މަޖިލީސް މެމްބަރުން އަތޮޅުގެ ހުރިހާ ރަށަކަށް މި ކުރި ދަތުރަކީ ޕާޓީގެ މެމްބަރުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އަޑުއަހައި ހާލު ބެލުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅުގެ ދަށުން އަތޮޅުތަކަށް އެ ޕާޓީން ފަށާފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ކުރި ދަތުރެކެވެ.
މިއީ މިގޮތަށް ދާއިރާގެ ހުރިހާ މަޖިލީސް މެމްބަރުން އެކުގައި އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. މިދަތުރުގައި ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިންތިޒާމް ކުރުމާއި، ޕާޓީގެ އާންމު މެންބަރުންގެ ބައިވެރިވުން އިތުރު ކުރުމާއި ގުޅޭގޮތުން ރަށްރަށުގެ ޕާޓީގެ ސްޓިއަރިން ކޮމެޓީތަކާއެކު ވަނީ މަޝްވަރާކޮށްފައެވެ. މިނިސްޓަރު ޤައްސާން މައުމޫނަކީ ކޮޅުމަޑުލާ ގާތްގުޅުމެއް އޮންނަ ނިމިދިޔަ ދައުރުގައި އެއަތޮޅު ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މިދައުރުގައި ކޮޅުމަޑުލުގެ 4 ދާއިރާއަށްވެސް ހޮވާފައިވަނީ އެ ދާއިރާއަކަށް ނިސްބަތްވާ ރަށަކުން މެމްބަރެކެވެ. މިގޮތުން ކިނބިދޫ ދާއިރާގެ މެމްބަރުގެ ގޮތުގައި ކިނބިދޫގެ އަލީ އަޝްރަޤް ހުންނެވިއިރު، ތިމަރަފުށީ ދާއިރާގެ މެމްބަރަކީ ތިމަރަފުށީ އަހުމަދު ރިޔާޒެވެ. ތ. ގުރައިދޫ ދާއިރާގެ މެމްބަރަކަށް ގުރައިދޫ ހަނާން މުހައްމަދު ރަޝީދު ހުންނެވިއިރު ވިލުފުށި ދާއިރާގެ މެމްބަރަކީ އެދާއިރާގެ މަޑިފުށީ ހަސަން ވަހީދެވެ،

މިދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްކަމަށް ޕީއެންސީން މައުލޫމާތުދެއެވެ.




