ސެޕްޓެމްބަރު މަހު ބާއްވާ އދ ގެ އާންމު ޖަލްސާގައި ފަލަސްތީން ދައުލަތް ރަސްމީކޮށް ބަލައިގަންނަން ފުރަންސުން ނިންމައިފިއެވެ.
ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ވަނީ ސެޕްޓެމްބަރު މަހު އޮންނަ އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް އެގައުމުން ބަލައިގަންނާނެކަން އިއުލާނުކުރައްވާފައެވެ. ރައީސް މެކްރޮން ވަނީ މެދުއިރުމަތީގެ ސުލްހައަށް ޓަކައި މިއީ ކޮންމެހެން ބޭނުންތެރި ފިޔަވަޅެއް ކަމަށް ސިފަކުރައްވާފައެވެ. އެހެންކަމުން ފުރާންސް ވެގެންދާނީ ޖީ 7 ގެ ގައުމު ތަކުގެ ތރެއިން ފަލަސްތީނު ބަލައިގަންނަ ފުތަމަ ގައުމަށެވެ.
ރައީސް މެކްރޯން އެކްސްގައި ވިދާޅުވީ މިއަދު އެންމެ ބޮޑު އިސްކަމެއް ދޭބންވީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށާއި މަދަނީ އާބާދީ ސަލާމަތް ކުރުމަށް ކަމަށެވެ. މީގެ ކުރިން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ އެކު މެކްރޮން ކުރެއްވި މުއާމަލާތެއްގައި ވަނީ ފްރާންސްގެ މި ސްޓޭންޑަކީ މެދުއިރުމަތީގެ ސުލްހައަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ފްރާންސްގެ މި ނިންމުމަމަށް އިޒްރޭލުގެ އޮފިޝަލުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ޓެރަރިޒަމަށް ހިތްވަރު ލިބޭ ކަމަށާއި ޣައްޒާގެ ހާލަތާ އެއްގޮތަށް އީރާނުގެ އިތުރު ބައިވެރިއަކު ގާއިމުކުރާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި މި ހާލަތުގައި ފަލަސްތީނުގެ ދައުލަތަކީ އިސްރާއީލު ހަލާކުކޮށްލުމުގެ ފެށުމަކަށް ވާނެ ކަމަށެވެ.
ފަރަންސޭސިވިލާތާއި ސަޢޫދީ ޢަރަބިއްޔާ ގުޅިގެން ނިއުޔޯކްގައި ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ކުރިން މިކަން ހާމަކޮށްފައިވަނީ ދެ ދައުލަތުގެ ޙައްލު އަލުން ދިރުވައި އާލާކުރުމުގެ މަޤްޞަދުގައެވެ. މި ސަމިޓުގެ ސަބަބުން ފްރާންސްގެ ނިންމުން ބަލައިގަނެ އިތުރު ގައުމުތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސައޫދީ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ރަޝިއާ، ޗައިނާ، އިންޑިއާ އަދި ދުނިޔޭގެ ދެކުނުގެ ބޮޑެތި ގައުމުތައް ހިމެނޭ ގޮތަށް 140 އަށް ވުރެ ގިނަ ގައުމުތަކުން މިހާރުވެސް ފަލަސްތީނު ގަބޫލުކުރެ އެވެ. ފަރަންސޭސިވިލާތުގެ އިސްނެގުމުގެ ސަބަބުން ޔޫރަޕްގެ އެހެން ގައުމުތަކުންވެސް އެގޮތަށް އަމަލުކުރަން މަޖުބޫރުވާނެ ކަމަށް އޮފިޝަލުން ލަފާކުރައްވައެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 59،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.




