ކުލަގަދަ ހަރަކާތްތަކާ އެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައިފިއެވެ.
މި މަޝްރޫޢަކީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފަށައި، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް މަސައްކަތްކޮށް މި ސަރުކާރުން ނިންމާލި ބިޔަ މަޝްރޫޢުއެކެވެ. އާ ޓާރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ޔާމީނަށާއި ރައީސް ސޯލިހަށް ޝުކުރުއަދާކޮށްފައެވެ. މި ރަސްމިއްޔާތުގައި ޑްރޯން ޝޯވއަކާއެކު މާލެސިޓީ ވަށައިގެން 17 ތަނެއްގައި އެއްވަގުތެއްގައި ވަނީ ހަވާއަރުވާފައެވެ.
އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ 22 މެއި 2016 ގަ އެވެ. ސައުދީ އަރަބިއްއާގެ ބިންލާދިން ގްރޫޕާ 350 މިލިއަން ޑޮލަރަށް ހަވާލުކޮށްގެން އޭރު އެ މަސައްކަތް ފެށީ 2019 އަށް މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ. ނަމަވެސް 2018 ގައި ވެރިކަން ބަދަލުވީއިރު، އާ ޓަމިނަލްގެ ނިމިފައި ހުރީ ޕައިލިން މަސައްކަތްތައް އެކަންޏެވެ. ދެން އައި ރައީސް ސޯލިހުގެ ސަރުކާރުން އާ ޓާމިނަލްގެ މަސައްކަތްތައް 2019 ގައި އަލުން ފެށީ މިހާރު އެ ފެންނަ ފަރުމާއަށް ބަދަލު ކޮށްގެންނެވެ. އެއާޕޯޓުގެ އާ ޓާމިނަލްއަށް ގެނައި ބަދަލުތަކާއެކު މުޅި ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ 438 މިލިއަން ޑޮލަރު ހަރަދު ކޮށްގެންނެވެ.

އާ ޓާމިނަލާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު އެމްއޭސީއެލުން ބުނެފައިވެ އެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރެވެ.
އާ ޓާމިނަލުގެ މަސައްކަތް މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ފިިނިހަކަ ދުވެލީގަ އެވެ. ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށީ ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްއެފްޑީ) އިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.
ރައީސް މުއިއްޒު ވެރިކަމުގައިވެސް އެސްއެފްޑީ އިން 100 މިލިއަން ޑޮލަރުގެ ލޯނެއް މިމަޝްރޫއަށް ނެގި އެވެ. މީގެއިތުރުން ޔޫއޭއީގެ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު ނަގާފައިވެ އެވެ.
އާ ޓާމިނަލްއަކިީ ޖުމުލަ 72،000 އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ.




