އިންޑިއާގެ އުއްތަރަކަންދުގައި ހުންނަ ހަރިދުވާރުގެ މަންސާ ދޭވީ ޓެމްޕަލްގައި މިއަދު ހިނގި ހާދިސާއެއްގައި 6 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
މި ހާދިސާ އާއި ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގަރްވާލް ޑިވިޝަންގެ ކޮމިޝަނަރު ވިނޭ ޝަންކަރު ޕާންޑޭ ވަނީ އެ ހާދިސާގައި 6 މީހުން މަރުވެފައިވާކަން ކަށަވަރުކޮސްދެއްވާފައެވެ. އަދި އެ ހާދިސާގެ ތަފްސީލީ ރިޕޯޓެއް މިހާރު ތައްޔާރުކިުރަމުންދާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މި ހާދިސާގައި ޒަހަމްވި 36 މީހަކު ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާ ހިނގަން މެދުވެރިވީ އެ ސަރަހައްދުގައި ކަރަންޓު ޝޯޓެއް ވުމުގެ ސަބަބުން، އަޅުކަން ކުރަން ގޮސްތިބި މީހުންގެ މެދުގައި ކުއްލިއަކަށް ހަލަބޮލިކަމާއި ބިރުވެރިކަން އުފެދުމުގެ ސަބަބުން ކަމަށް ބެލެވެ އެވެ. އަދި މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝްރަވަނާ މަހާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ތަނަށް ޖަމާވެފަ އެވެ.
އުއްތަރަކާންދުގެ ޗީފް މިނިސްޓަރު ޕުޝްކަރް ސިންގް ދަމީ އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ވިދާޅުވީ އެސްޑީއާރްއެފް އާއި ލޯކަލް ޕޮލިހާއި އެހެނިހެން ރެސްކިއު ޓީމުތައް އެ ސަރަހައްދަށް ގޮސް ރިލީފް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އުއްތަރަކަންދުގެ ހަރިދްވާރުގައި ހުންނަ މަންސާ ދޭވީ ޓެމްޕަލަށް ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ މަރުފަރާތްކަުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.




