ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
ގިނިސް ވޯލްޑް ރެކޯޑް ބަލަހައްޓަމުން ގެންދާ ފަރާތުން ވަނީ ރޭގެ ހަރަކާތް ދުނިޔޭގެ ރެކޯޑް ފޮތުގައި ހިމަނާ އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. އެ ލިޔުމާއި އެމްއޭސީއެލް އިން ވަނީ ހަވާލުވެފަ އެވެ.
ލިޔުން ހަވާލުކުރުން އޮތީ އާ ޓާމިނަލުން ފުރަތަމަ އެއާލައިނަށް މަރުހަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.
ވީއައިއޭގެ އާ ޓާމިނަލް ކުރިމަތީ ރޭ އޮތް ކުލަގަދަ ރަސްމިއްޔާތުގައި މި ޓާމިނަލް ހުޅުވުމުގެ ގޮތުން ޚާއްސަ ޑްރޯން ޝޯ އަކާއި ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތެއް ބޭއްވި އެވެ. އާ ޓާމިނަލް ހުޅުވުމުގެ ގޮތުން މާލެސިޓީގެ ވަށައިގެން ޖުމްލަ 19 ސަރަހައްދެއްގައި ހަވާ އެރުވި އެވެ.




