ލެޓިން އެމެރިކާގެ ގައުމުތަކުގައި ހަރަކާތްތެރިވާ ޑްރަގް ކާޓެލްތަކާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރަން ސިއްރު ޑައިރެކްޓް އޯޑަރ އެއް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ނެރެފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ ކުރިން މިއަހަރުގެ ފެބްރުއަރީމަހު އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ލެޓިން އެމެރިކާ ސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް ޑްރަގް ކާޓެލްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައެޅުއްވާފަ އެވެ. އެގޮތުން ވެނެޒުއޭލާގެ ޓްރެން-ޑި އަރަގުއާ އާއި، މެކްސިކޯގެ ސިނަލޯއާ އާއި، މީގެ އިތުރުން ލެޓިން އެމެރިކާގެ އިތުރު 6 ކާޓެލްއެއް ވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފަ އެވެ.
އެމެރިކާގެ ގިނަ މީޑިއާތަކަކުން މި ޙަބަރު ގެނެސްދީފައިވާއިރު ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ގިންތިކޮށްފައިވާ ކާޓެލްތަކާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ޓްރަމްޕް ޕެންޓަގަންއަށް މިހާރު ވަނީ އިރުޝާދު ދެއްވައިފަ އެވެ.
މި ހަބަރުތަކާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު އެ ރިޕޯޓްތަކާބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅުނުވިނަމަވެސް، ގައުމު ހިމާޔަތް ކުރުމަކީ ޓްރަމްޕް އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންތައް ކަމަށް ވިދާޅުވެ، ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ގިނަ ކާޓެލްތަކާއި ގޭންގުތައް ކަނޑައަޅުއްވާފައި ވަނީވެސް އެ ސަބަބައްޓަކައި ކަމަށް ވަނީ ވިދަޅުވެފައެވެ.




