ދެކޭގޮތުގައި އިސްލާމީ ޝަރީއަތުގައި ހިމެނޭ ހުރިހާ ކަމަކީވެސް އަޅުގަނޑުމެންގެ ޤާނޫނުތަކުގައި ހިމެނެންޖެހޭ އަދި ޤާނޫނުތަކުން ފެންނަންޖެހޭ އެއްޗެއް ކަމުގައި ކިނބިދޫ ރާއިރާގެ މެމްބަރު އަލީ އަޝްރަޤް ވިދާޅުވެއްޖެއެވެ.
މުދަލު ޒަކާތާއި ފިތުރު ޒަކާތް ދެއްކުން ލާޒިމުވާ މީހުންގެ ޝަރުތުތައް ބަޔާންކޮށް، އެ މީހުންގެ މައްޗަށް ޒަކާތް ދެއްކުން ލާޒިމު ކުރަން ޒަކާތުގެ ގާނޫނެއް ހަދަން މަޖިލީހަށް ހުށައެޅި ބިލަށް ބަހުސް ކުރައްވަމުން ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަޤް ވިދާޅުވީ، މި ބިލުގެ މަޤްޞަދަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤްޝަދުތައް ޙާޟިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުން ކަމަށާއި، އަދި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާގުޅޭ ޢާންމު އުސޫލުތައް ކަނޑައެޅުން ކަމަށެވެ.
"ބައެއް ފަރާތްތަކުން ޒަކާތް ލާޒިމުކުރުމާމެދު ސުވާލު އުފައްދާ. ނަމަވެސް، ޒަކާތަކީ ވާޖިބެއް، އެއީ އިޚްތިޔާރީ ކަމެއް ނޫންކަން ހަނދާންކުރަންޖެހޭ. އަޅުގަނޑު ދެކޭގޮތުގައި އިސްލާމީ ޝަރީއަތުގައި ހިމެނޭ ހުރިހާ ކަމަކީވެސް އަޅުގަނޑުމެންގެ ޤާނޫނުތަކުގައި ހިމެނެންޖެހޭ، އަދި ޤާނޫނުތަކުން ފެންނަންޖެހޭ އެއްޗެއް." މެމްބަރު އަޝްރަޤް ވިދާޅުވިއެވެ.
އަޝްރަޤް ވިދާޅުވީ، ފާއިތުވި އަހަރުގައި މުދަލުގެ ޒަކާތުގެ ގޮތުގައި ނެގުނު އަދަދު 100 މިލިއަން ރުފިޔާގެ ރެކޯޑަކަށް އަރާފައިވާއިރު، މިއީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށާއި، މިކަން އިތުރަށް ކުރިއެރުވުމަށް މި ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށެވެ. އަދި މިއީ 2023 ވަނަ އަހަރު މޯލްޑިވްސް ޒަކާތު ހައުސް ގާއިމްކުރެވުމާއެކު، ޒަކާތުގެ ހިންގުން މަރުކަޒީކޮށް ޒަމާނީކުރެވި، ހަރުދަނާކަމާއި ހާމަކަން ބޮޑުގޮތެއްގައި މިކަން ކުރެވުމުގެ ނަތީޖާއެއްކަން ފާހަގަކުރެއްވިއެވެ.

"އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގެ ސަބަބުން، ޒަކާތުގެ ދީނީ އަދި އިޖްތިމާޢީ މުހިންމުކަމާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުވެ، ޒަކާތް ދިނުމުގައި ބައިވެރިވާ މިންވަރު ވަނީ އިތުރުވެފަ. މީގެ އިތުރުން، ދިރާގުޕޭ، އެމް-ފައިސާ، އަދި ބަނޑޭރިޕޭ ފަދަ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމްތަކުން ޒަކާތް ދެއްކުމުގެ މަގު ވަނީ ފަހިވެފައި. މި ހިނގާ އަހަރުތަކުގައި އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، ޒަކާތް ދިނުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު އިތުރުވެވެންދާނެ ކަމަށް ބެލެވޭއިރު، މިފަދަ ބިލެއް ފާސްކޮށް ޒަކާތާގުޅޭ ކަންކަން ހަރުދަނާކުރުން ވަރަށް މުހިންމުކަން ފާހަގަ ކުރަން." މަޖިލީހުގައި ވަރަށް ހަރަކާތްތެރި މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވޭ ކިނބިދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
މި ބިލު ފާސްވުމުން، ޒަކާތް ލާޒިމްވާ މުއްސަދިންގެ އަތުގައި ހުންނަ ފައިސާގެ ތެރެއިން ޒަކާތް ދޭންޖެހޭ މިންވަރު ނެގި، އެފައިސާ ހައްގުވާ ފަރާތްތަކަށް އެފައިސާ ރައްދުކޮށްދިނުމުގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވި، އިންޞާފުވެރި އަދި ހަމަހަމަ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިވެގެންދާނެކަން މެމްބަރު އަޝްރަޤް ފާހަގަކުރެއްވިއެވެ.

ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރަދަނާ ކުރާނެ އުސޫލުތައް ހިމަނާފައިވާ މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު، ހަސަން ވަހީދު އެވެ. އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ދިރާސާކުރާނީ އިޖުތިމާއީ ކޮމިޓީންނެވެ. ފިތުރު ޒަކާތާއި މުދަލު ޒަކާތް ދައްކަންޖެހޭ މީހުންނާއި އެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ އިތުރުން އެ ޒަކާތުގެ ބެހެނިވެރިން ވެސް އެ ބިލުގައި ތަފުސީލުކޮށް ވަކިވަކީން ލިޔެފައިވެ އެވެ.




