ފަލަސްތީނުގެ ޣައްޒާއަކީ ބަނޑަށްޖެހިފައިވާ ސިޓީއެއްކަމަށް އދ އިން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
އދ.ގެ އިމަޖެންސީ ރިލީފް ކޯޑިނޭޓަރު ޓޮމް ފްލެޗާ ވިދާޅުވީ ޣައްޒާ މިހާރު އޮތީ ބަނޑުހައި ހޫނު ކަމުގެ އިންސާނީ ކާރިސާއެއްގެ ތެރޭގައި ކަމަށާއި، އަދި ޣައްޒާ އަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އިސްރާއީލުން ރޭވުންތެރި ކަމާއެކު ހުރަސްއަޅަމުންގެންދާކަމަށް ވިދާޅުވެފައެވެ.
އދ އޮން އެކަން އިއުލާނު ކުރުމާއެކު އިސްރާއީލުން ވަނީ ޣައްޒާ ސިޓީ ބަނޑަށްޖެހިފައިވާކަމަށް އިޢުލާނުކޮށްފައިވަނީ ހަމާސްގެ ދޮގުތައް ގަބޫލުކޮށްގެން ކަމަށެވެ. ނަމަވެސް ޣައްޒާގެ ކާރިސާގެ އެސެސްމަންޓް ހަދާފައިވަނީ ކުރިމަތިވެދާނެ ކާރިސާތަކުގެ އިންޒާރު ދިނުމަށް އދއިން ހަވާލުކޮށްފައިވާ މޮނިޓަރުންގެ އިއްތިހާދު ކަމަށްވާ އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން އިނީޝިއޭޓިވް (އައިޕީސީ) އިންނެވެ.
އަދި 20 އިންސައްތަ ގޭބިސީގައި ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް އޮތް އިރު، އެކަމުގެ ސަބަބުން 5 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 30 އިންސައްތަ ކުދިންނަކީ ވަރަށް ބޮޑަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނެވެ. އަދި ކޮންމެ 10،000 މީހަކުން މަދުވެގެން 2 މީހަކު ދުވާލެއްގެ މައްޗަށް މަރުވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުން ނުވަތަ ކުދިކުދި ބަލިތަކުގެ ސަބަބުން ކަމަށެވެ.
އިސްރާއީލުން ހަމާސްއާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް ވަރުގަދަކުރަމުން ދަނިކޮށް ޣައްޒާގެ އިންސާނީ ހާލަތު ގޯސްވަމުންދާކަމުގެ އިންޒާރު އދގެ އިދާރާތަކުން ދެމުން އަންނަތާ އެތައް މަހެއް ވެއްޖެއެވެ. ރޯމްގައި ހުންނަ އައިޕީސީން ބުނެފައި ވަނީ "15 އޮގަސްޓް 2025 ގެ ނިޔަލަށް ޣައްޒާގެ ސިޓީގައި ކާރިސާ (އައިޕީސީ ފޭސް 5) އިއުލާނުކޮށްފައިވާ ކަމަށެވެ.
ޣައްޒާގެ ސިޓީގައި މިވަގުތު ގާތްގަނޑަކަށް 1 މިލިއަން މީހުން ދިރިއުޅެމުންދާ ކަމަށް އދއިން ލަފާކުރެއެވެ. "22 މަސް ވަންދެން ހިނގަމުންދާ ހަމަނުޖެހުންތަކަށް ފަހު، ޣައްޒާގެ ބައި މިލިއަނަށް ވުރެ ގިނަ ރައްޔިތުން ބަނޑުހައިހޫނުކަމާއި، ފަގީރުކަމާއި، ސަބަބުން ކުރިމަތިވާ ނުރައްކާތެރި ޙާލަތްތައް ދަނީ ކުރިމަތިވަމުން ކަމަށް އައިޕީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އަދި ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ދީރް އަލް ބަލާހް އާއި ޚާން ޔުނިސް ސިޓީ ތަކަށް ކާރިސާގެ އަސަރު ފޯރާނެ ކަމަށާއި އޭގެ އަސަރު ޣައްޒާގެ އާބާދީގެ ތިން ބައިކުޅަ އެއްބައި ނުވަތަ ގާތްގަނޑަކަށް 641،000 މީހުންނަށް ކުރާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ލަފާކޮށްފަ އެވެ.
އައިޕީސީން ބުނީ މިއީ މެދުއިރުމަތީގެ ސަރަހައްދުގައި ބަނޑުހައިހޫނުކަމުގެ ކާރިސާއެއް ރަސްމީކޮށް އިއުލާނ ފުރަތަމަ ފަހަރު ކަމަށެވެ. ޔަމަނުގައި 2018 ވަނަ އަހަރު ކާރިސާއެއް އަންނާނެ ކަމަށް ލަފާކުރި ނަމަވެސް، އެކަން ހިނގާފައި ނުވާ ކަމަށް އޭއެފްޕީއާ ވާހަކަ ދެއްކި ތަރުޖަމާނު ވިދާޅުވި އެވެ.




