ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން މި ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ކުޅުދުއްފުށީގައި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުންދިޔަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމާ ގުޅުންހުރި ޤަވާއިދުތައް މުރާޖާ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާކަމަށާއި، އަދި މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށިމިޔަރު މަސްވެރިކަން އަލުން ހުޅުވާލައްވަން ނިންމަވާފައިވާކަމަށެވެ. އެހެންކަމުން، ކަށިމިޔަރު މަސްވެރިކަމަށް މަސްވެރީން ތައްޔާރުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ކަށިމިޔަރަކީ ވަރަށް އަޑިން ބާނާ މިޔަރެކެވެ. މިއީ އާންމުކޮށް ފެންނަ މިޔަރެއްނޫނެވެ. ކަށިމިޔަރުގެ މަހާ އުރަހައަކީ ބޭނުންހިފޭ އެއްޗެއް ނޫނެވެ. ކަށިމިޔަރު ބޭނުންކުރަނީ އޭގެ މެއިގަނޑު ނަގައި ތެޔޮ ހާނާށެވެ. ކަށިމިޔަރު ތެލަކީ ކުރިން ރާއްޖެއިން ވަރަށް ގިނައިން އެކްސްޕޯޓް ކުރި ބާވަތެކެވެ.




