ސެޕްޓެމބަރ 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ ގެ އާންމު މަޖިލީހުގެ ޖަލްސާއަށް އެމެރިކާއަށް ވަޑައިގަންނަވަން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އަށް ވިސާ ނުދޭން އެމެރިކާއިން ނިންމައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއްޔެ ނެރެފައިވާ ބަަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުން ހަރުކަށި ފިކުރު ހުއްޓުވުމުގެ ބަދަލުގައި އަމިއްލަ ދައުލަތެއް މަސައްކަތް ކުރަމުންދާތީ އދ ގެ އާންމު މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަންނަވަން ފަލަސްތީން ސަރުކާރުގެ އޮފިޝަލުންނަށް ވިސާ ނުދޭން ނިންމާފައިވާކަމަށާއި، އޭގެ ތެރޭގައި ފަލަސްތީނުގެ 80 އޮފިޝަލުންގެ އިތުރުން ފަލަސްތީނުގެ ރައީސް އައްބާސް ވެސް ހިމެނޭ ކަމަށެވެ.
ޔޫރަޕްގެ ބޮޑެތި ގައުމުތަކުން މީގެ ކުރިން މި ބައްދަލުވުމުގައި ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަ ކަން އިއުލާނުކުރައްވާނެ ކަމަށްބުނެފައެވެ. އަދި މީގެ އިތުން ފްރާންސް އާއި ސައުދީ އަރަބިއްޔާ ގުޅިގެން އެމެރިކާގައި ބާއްވާ ސަމިޓެއްގައި ވެސް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެމެރިކާގެ މި ފިޔަވަޅާ ގުޅިގެން ފަލަސްތީނުން ވަނީ އެމެރިކާގެ މި ނިންމުމަކީ އދ ގެ ހެޑްކުއާޓާސް އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ނިންމުމެއް ކަމަށް ބުނެފަ އެވެ.




