ދިވެހިން އާންމުކޮށް ބޭނުންކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އެސްޓީއޯއިން ގަނޑުކޮށް އެތެރެ ކުރަން ކެބިނެޓުން ނިންމައިފިއެވެ.
މިކަން ހާމަމޮށް ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގައިވަނީ މިކަމަކީ ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ކަމެއް ކަމަށެވެ.
"ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް މެނިފެސްޓޯގައި އަޅުގަނޑު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ،ހަކުރު،ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެމޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުއި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ވާހަކަ ދަންނަވަން." ރައީސްގެ މެސެޖުގައިވެއެވެ.
މި ގެންނަ ބަދަލުގެ ސަބަބުން މޭވާއާއި ތަރުކާރީގެ އަގު ހެޔޮވާނެއެވެ.




