މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، މަސްވެރިކަމުގެ ސިނާޢަތް އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުލަކަތޮޅު މުލަކުގައި ވަށާޖެހޭ ގޮތެއްގައި މަސްވެރިކަން ފުޅާކުރުމަށް ފައްޓަވާފައިވާ އަދި ހިންގެވުމަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މުލަކުގައި އަޅަން މިރޭ ސޮއިކުރި، 30 ޓަނުގެ އައިސްޕްލާންޓާއި، މިހާރު އެރަށުގައި ކުރިއަށްދާ ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢާއި، ޖަނަވަރީ މަހު އެ ރަށުގައި ފެށުމަށް ހަމަޖެހިފައިވާ ފިއުލް ސްކިޑްގެ މަސައްކަތާއެކު ރަށުގެ މަސްވެރިކަމަށް ކުރިއެރުން ލިބިގެންދާނޭ ކަމަށެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، މަސްވެރިކަމުގެ ސިނާޢަތް އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި ކަމަށާއި، އެހެންނަމަވެސް، މަސްވެރިންނަށް ދޭންޖެހޭ ފައިސާދިނުމުގެ ދެމެހެއްޓެނިވި ނިޒާމެއް ކަނޑައަޅުއްވައި، ބިނާރާއި ވަޞީލަތްތައް ޤާއިމުކުރައްވައިގެން، އެ ސިނާޢަތް ނަގާ ކޮޅަށްޖެހުމަށް މި ސަރުކާރުން އިސްކަންދެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަށުގެ ތަރައްޤީއަށް ތާވަލުކުރެވިފައިވާ އެހެނިހެން މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން، މި އަހަރު ތެރޭ، 50 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭކަން، އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. އަދި ބާރު ދުވެލީގައި ބަނދަރުގެ މަސައްކަތް ނިންމައި، ރަށްގިރުމުގެ މައްސަލައަށްވެސް ޙައްލު ހޯއްދަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ އަހަރުގެ މާރިޗުގެ ކުރިން ރަށުގެ އިރުމަތީ ޖެޓީގެ ޢަމަލީ މަސައްކަތް ފައްޓަވައި، ދިރާސީ އާ އަހަރަށް ސްކޫލްގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފުލުހުންނަށް ވެހިކަލެއް ނުލިބި 14 ވަރަކަށް އަހަރު ވެފައިވާ މައްސަލައަށް އަންނަ އޮކްޓޯބަރު މަހު، ނިމުމެއް ގެނެސްދެއްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.




