އދ. މާމިގިލީގައި ތަރައްގީކުރާ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި ހޮސްޕިޓަލުގެ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އދ ގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލިއަށް ވަޑައިގެން އެކަމަށްާޓކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ހަވާލުކޮށްގެން ކުރިއަށް ގެންދާ ހޮސްޕިޓަލުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގެ އިތުރުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
މާމިގިލީގައި ތަރައްގީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް ނިމިގެންދާއިރު ޑައިލިސިސް ހިމެނޭހެން ގިނަ ހިދުމަތްތަކެއް ގާއިމްކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި މަޝްރޫއުއަކީ 105 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހިންގާ ބޮޑު މަޝްރޫއުއެކެވެ. މިމަޝްރޫއު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.




