ރާއްޖޭގައި ވޮކޭޝަނަލް ތައުލީމުގެ ފެށިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް، ޕޮލިޓެކްނިކުން ކުރިއަށްގެންދާ ފޮޓޯ މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ހުޅުވައިދެއްފައިފިއެވެ.
"ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ނަމުގައި ކުރިއަށްގެންދާ ފޮޓޯ މައުރަޒުގައި 150އަށްވުރެ ގިނަ ފޮޓޯވަނީ ބަހައްޓާފައެވެ.
މި ރަސްމިއްޔާތުގައި މަތީ ތައުލީމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު އަހުމަދު އާއި، ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީންގެ އިތުރުން ޕޮލިޓެކްނިކްގެ ގިނަ އަދަދެއްގެ އިސް ދަރިވަރުން ބައިވެރިވިއެވެ.
މި މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގަވަނީ 200 ފޮޓޯ ހިމެނޭހެން ޑިޖިޓަލް ގެލަރިއެއްވެސް ވަނީ ލޯންޗްކޮށްފައެވެ. މި ގެލަރީ ލޯންޗްކޮށްދެއްވީ ނައިބު ރައީސް އެވެ. ޕޮލިޓެކްނިކްގެ ދަރިވަރުންގެ ފަރާތުން ނައިބު ރައީސް އަށް ވަނީ ހަނދާނީ ހަދިޔާއެއްވެސް އަރުވާފައެވެ.
ރާއްޖޭގައި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރަކާއެކު، މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކޮށްދޭން ފެށީ 1975ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
މި ފޮޓޯ މައުރަޒުގައި ވަނީ އެއިރުން ފެށިގެން ޕޮލިޓެކްނިކްގައި ކުރިއަށްގެންދިޔަ އެކިއެކި ކޯސްތަކާއި ހިންގާފަވާ ޕްރޮގްރާމްތަކާއި އެކި ހާއްސަ ދުވަސްތަކުގެ ހަނދާނީ ފޮޓޯތައް ބަހައްޓާފައެވެ. އެގޮތުން މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންގޮސްފަވާ ކޯސްތަކާއި ޕްރޮގްރާމްތައް ހިމެނެއެވެ.
ގެލަރީ މިއަދު ހުޅުވާފަ ހުންނާނީ މިރޭގެ 10:00އާއި ހަމައަށެވެ. އަދި މާދަމާ ހެނދުނު 10:00އިން އިރުއޮއްސި 06:00އަށް ކުރިއަށްދާން ވަނީ ނިންމާފައެވެ. މި މައުރަޒު އޮންނަނީ ސިފްކޯ ޕާޓީ ހޯލުގައެވެ.
ޕޮލިޓެކްނިކަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކާނިވަލެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިމަހުގެ 16އިން 17އަށް ކުރިއަށްދާ މި ފެސްޓިވަލްގައި ޕޮލިޓެކްނިކާގުޅޭ އެކި ހަރަކާތްތަކާއި ޕޮލިޓެކްނިކްގެ ޚިދުމަތްތަކާ ވޯކްޝޮޕްތައްވެސް ބަލާލެވެނޭއެވެ. އަދި މި ދުވަސް ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.




