އަންހެން ފުލުހުންގެ ދައުރު ފުޅާކޮށް ލީޑަރޝިޕް އިތުރުކުރުމަށް ބޭއްވި ސަމިޓް ނިންމާލައިފި

އަންހެން ފުލުހުންގެ ލީޑަރޝިޕް އިތުރުކުރުމަށާއި އަންހެން ފުލުހުންގެ ދައުރު ފުޅާކުރުމަށާއި އަންހެން ފުލުހުންގެ ކުރިއެރުވުމަށްޓަކައި ކުރިއަށް ގެންދިޔަ ސަމިޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

"މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025″ ގެ ނަމުގައި ބޭއްވި ސަމިޓް ކުރިއަށްގެންދިޔައީ މި މަހުގެ 4 އިން 6 އަށް ކްރޮސްރޯޑްސްގައެވެ. މިއީ، މިފަދަ ސަމިޓެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.

ސަމިޓް ނިންމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރޕާރސަން އައިޝަތު ނޫރައިން ޖަނާހް އެވެ. ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި މޯލްޑިވްސް ވިމެން އިން ޕޮލިސިންގެ ޗެއަރޕާރސަން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތި ނަޝްވާ އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.

މި ސަމިޓުގައި ސަލާމަތީ އަދި ގާނޫނު ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ 50 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. އޭގެެތެރޭގައި ސަލާމަތީ އަދި ގާނޫނު ތަންފީޒީ ދާއިރާގައި މަސައްކަތްކުރާ ރާއްޖޭގެ 7 އިދާރާއަކާއި އެކި ގައުމުތައް ހިމެނޭހެން 10 ފަރާތެއް ވެސް ހިމެނެއެވެ.

ސަމިޓުގައި ޔޫއެންޑީޕީގެ އިތުރުން އިންޓަރޕޯލް އާއި އެފްބީއައި، އޭއެފްޕީ، ސިންގަޕޫރާއި ސްރީ ލަންކާ އަދި އިންޑިއާގެ ފުލުހުން ބައިވެރިވެފައިވެއެވެ. އަދި، ބަންގްލަދޭޝް، ޖަޕާން، ޗައިނާ، އިންޑޮނޭޝިއާ، ޕާކިސްތާން، ސަޢޫދީ ޢަރަބިއްޔާ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ކެނެޑާ، އޮސްޓްރޭލިއާ، އިނގިރޭސި ވިލާތުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ބައިވެރިން ވެސް މި ސަމިޓުގައި ބައިވެރިވެ، މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ސަމިޓްގައި ފުލުހުންގެ ދާރާއިގައި ހަރަކަތްތެރިވާ އަންހެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންނާއި، އެހެނިހެން އިދާރާތަކުގައި މަސައްކަތްކުރާ އަންހެން ބޭފުޅުންގެ މަސައްކަތްތެރިކަމުގެ ހުނަރުތައް ތަރައްގީކުރުމާއި އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަމަށް ހައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

ސަމިޓުގައި ތަހުގީގުކުރުމާއި ޓެކްނިކަލް ދާއިރާތަކާއި އިންޓެލިޖެންސްގެ ދާއިރާއިން ކުރިއަށް ގެންދިއުމުގެ އިތުރުން، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި އިދާރާތަކުގެ މަސައްކަތުގެ ތަޖުރިބާއާ ހުނަރުތައް ހިއްސާކޮށް ތަރައްޤީކުރުމާ ގުޅޭގޮތުން ސެޝަންތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސަމިޓުގެ ތެރެއިން ވަނީ އަންހެން ފުލުހުންގެ ހިދުމަތް ރަމްޒުކޮށްދޭ "ޗެލެންޖް ކޮއިން" އިފްތިތާހުކުރުމާއި "މޯލްޑިވްސް ވިމެން އިން ޕޮލިސިން" ފޮތް ނެރުމުގެ އިތުރުން ސަލާމަތީ އަދި ގާނޫނު ތަންފީޒުކުރުމުގައި މަސައްކަތްކުރާ ރާއްޖޭގެ ފަސް އިދާރާގެ މެދުގައި ލީޑަރޝިޕް އަދި ކެޕޭސިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑިކްލަރޭޝަނެއްގައި ވަނީ ސޮއިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *