މިދިޔަމަހު އެކަނިވެސް އެންސްޕާއިން ޕްރައިވެޓް 2 ހޮސްޕިޓަލަކަށް 8.59 މިލިޔަނަށްވުރެ ގިނަ ރުފިޔާ

ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާއަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިދިޔަ ސެޕްޓެމްބަރު މަހު 8.59 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެންސްޕާއިން ހާމަކޮށްފިއެވެ.

އެންސްޕާއިންވަނީ ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހުގަި ކޮށްފައިވާ ހަރަދުގެ ތަފާސްހިސާބު ހާމަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ޕްރައިވެޓް 2 ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާފައިވާ 479 ފަރާތަކަށް އެކަނިވެސް މިދިޔަ މަހު 8،594،982 (އަށް މިލިޔަން ފަސްލައްކަ ނުވަދިހަ ހަތަރުހާސް ނުވަސަތޭކަ އަށްޑިހަ ދެރުފިޔާ) ވަނީ ހަރަދުކޮށްފައެވެ.

މީގެތެރޭގައި ހިމެނެނީ އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި 170 މީހަކަށް ޚަރަދުކުރި 3،603،816 (ތިން މިލިޔަން ހަލައްކަ ތިންހާސް އަށްސަތޭކަ ސޯޅަ ރުފިޔާ) އާއި، ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި 309 ފަރާތަކަށް ޚަރަދުކުރި 4،991،166 (ހަތަރު މިލިޔަން ނުވަލައްކަ ނުވަދިހަ އެއްހާސް އެއްސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ) އެވެ.

ބަލި މީހުންގެ ފަރުވާގައި އާސަންދައިން ކަވަރުކުރާ މިންވަރުގެ ބޭރުން ނުދެއްކޭ ބައި ހަމަޖެއްސުމަށް ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލުކުރާ ފަރާތްތަކުން އެންސްޕާގެ އެހީތެރިކަން އަންނަނީ ހޯދަމުންނެވެ. އޭޑީކޭ ހޮސްޕިޓަލަށް އެންމެ ބޮޑު ހޭދައެއް އެންސްޕާއިން ކޮށްފައިވަނީ ކާޑިއޯވެސްކިއުލާގެ ކޭސްތަކަށެވެ. އެފަދަ 16 ކޭސްއަކަށް 1،075،420 (އެއްމިލިޔަން ހަތްދިޔަ ފަސްހާސް ހަތަރުސަތޭކަ ވިހި ރުފިޔާ)ވަނީ ހަރަދުކޮށްފައެވެ.

މީގެއިތުރުން މައިބަދަ އަދި ނާރުގެ ބަލިތަކާއި ގުޅޭ 11 ކޭސްއަކަށް އެންސްޕާއިންވަނީ އޭޑީކޭ ހޮސްޕިޓަލަށް 703،829 (ހަތްލައްކަ ތިންހާސް އަށްސަތޭކަ ނަވާވީސް ރުފިޔާ) ޚަރަދުކޮށްފައެވެ. އޭޑީކޭގައި އެންމެ ގިނަ ބަޔަކު އެޑްމިޓްކޮށްގެން އެންސްޕާގެ އެހީ ހޯދާފައިވަނީ ވިހެއުމާއި ގުޅިގެންނާއި ކަށީގެ ބަލިތަކުގައެވެ. އެގޮތުން ވިހެއުމުގެ ޚަރަދަށް 26 މީހަކަށް 300،929 (ތިން ލައްކަ ނުވަސަތޭކަ ނަވާވީސް) ރުފިޔާ ހަރަދުކޮށްފައިވާއިރު ކަށީގެ ބަލިތަކާއި 25 މީހަކަށް 475،934 (ހަތަރު ލައްކަ ހަތްދިހަ ފަސްހާސް ނުވަސަތޭކަ ތިރީސް ހަތަރު ރުފިޔާ) ވަނީ ހަރަދުކޮށްފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލަށް އެންމެ ބޮޑު ހަރަދެއް އެންސްޕާއިން މިދިޔަ މަހު ކޮށްފައިވަނީ ކުޑަކުދިންގެ ބަލިތަކަށެވެ. އެގޮތުން އެފަދަ 25 ކުއްޖަކަށް 1،312،237 (އެއް މިލިޔަން ތިންލައްކަ ބާރަ ހާސް ދުއިސައްތަ ތިރީސް ހަތް ރުފިޔާ) އެންސްޕާއިންވަނީ ހޭދަކޮށްފައެވެ. އެންމެ ގިނަ ބަޔަކު މިދިޔަ މަހު ޓްރީޓޮޕްގައި އެޑްމިޓްކޮށްގެން ހިދުމަތް ހޯދާފައިވަނީ ވިހެއުމުގެ ހަރަދަށެވެ. އެގޮތުން ވިހެއުމުގެ ޚަރަދަށް 66 މީހަކަށް 670،553 (ހަލައްކަ ހަތްދިހަހާސް ފައްސަތޭކަ ފަންސާސް ތިން ރުފިޔާ) ހޭދަކޮށްފައެވެ. ދެން އެންމެ ގިނަ ބަޔަކު ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އެންސްޕާގެ އެހީ ހޯދާފައިވަނީ ކަށީގެ ބަލިތަކަށެވެ. އެގޮތުން ކަށީގެ ބަލިތަކަށް 50 މީހަކަށް އެންސްޕާއިންވަނީ 902،611 (ނުވަލައްކަ ދެހާސް ހަސަތޭކަ އެގާރަ ރުފިޔާ) ހަރަދުކޮށްފައެވެ.

އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ބަލި މީހުންގެ ފަރުވާ ހަމަޖެއްސުމަށް ސަރުކާރުންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ބޭސްފަރުވާގެ ހިދުމަތް އިތުރަށް އަގުހެޔޮކުރުމަށްޓަކައި ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. ބޭސްފަރުވާއަށް އާސަންދަ އަދި އެންސްޕާއިން ކުރާ ހޭދައަކީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ހެދުމަށް ހެލްތު އިންޝުއަރެންސްގެ ގައުމީ ނިޒާމު މުރާޖައާކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *