ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމް ފުރިހަމަ ކުރި ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ދެއްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކައުންސިލަރުންނަށް ހުއްދަ އެރުއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދެވެ.
ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމް ފުރިހަމަކުރި 36 ކައުންސިލަރުންނަށް މި ރަސްމިއްޔާތުގައި ވަނީ ހުއްދަ ދީފައެވެ. މިއީ، ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާ މީހުން ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް ކައުސިލަރުންގެ ތެރެއިން ޤާބިލުކަން ހުރި ފަރާތްތަކަށް ޚުތުބާ ކިއުމުގެ ހުއްދަ ދިނުމަށް މިގޮތަށް ބޭއްވި ފުރަތަމަ ޕްރޮގުރާމެވެ.
މި ޕްރޮގްރާމަށްފަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވީ، އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަންވެސް އިސްވެ ކުރުމުގެ ޤާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުމަކީ އިސްލާމީ މުޖުތަމަޢެއްގައި ބޭނުންތެރިކަމެއް ކަމަށެވެ.