Advertisement
BML Home 2nd Ad

ރައީސް ވިދާޅުވި ގޮތަށް "އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުން މަދުކުރަން" އިސްލާހު ހުށައަޅައިފި

އަތޮޅު ކައުންސިލްތައް އުވާލައި، ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

އެންމެ ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށެވެ. އެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ އިސްލާހުގެ ދަށުން 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ 3 ކައުންސިލަރުން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގެ ކައުންސިލަށް އައްޔަން ކުރާނީ 5 ކައުންސިލަރުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގައި 3 ކައުންސިލަރުން އިންތިޚާބު ކުރާ ރަށު ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި 5 ކައުންސިލަރުން އިންތިޚާބުކުރާ ކައުންސިލްތަކުގައި މިހާރުވެސް އަމަލުކުރާގޮތަށް 2 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭނެއެވެ.

މި ޤާނޫނަށް ގެންނަ އިސްލާހުގެ ދަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންގެ އަދަދާއި އެ ކޮމިޓީގެ ރައީސް އިންތިޚާބުކުރާގޮތަށް ބަދަލު ގެނައުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ކޮމިޓީ މެންބަރުން ތިބެންވާނީ ކައުންސިލަރުންގެ އަދަދަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އިސްލާހުގައި ވާގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އިންތިޚާބު ކުރާނީ ކައުންސިލް ރައީސުން އިންތިޚާބުކުރާގޮތަށް ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އަދި އެ މަޤާމަކީ ފުލްޓައިމް މަގާމެއް ކަމަށްވެސް ޤާނޫނަށް ހުށަަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ އިސްލާހުގެ ދަށުންވެސް ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނުގައި އެކި މާއްދާތަކުގައި އަތޮޅު ކައުންސިލްތަކާ ގުޅޭގޮތުން މިހާރު ހުރި ބައިތައް އުނިކުތުމަށް ވަނީ ހުށަހަޅުއްވާފައެވެ.

ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނުއަސާސީގެ 230 ވަނަ މާއްދާއިން އަތޮޅު ކައުންސިލް އުފެއްދުމާ ގުޅޭ ބައި ވަނީ އުނިކޮށްފައެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މި އިސްލާހުތަށް ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތީޚާބަށް އަތޮޅު ކައުންސިލްތައް އުވާލައި އާބާދީއާއެއްވަރަށް ރަށު ކައުންސިލްތަކުގައި ހިމެނޭ މެންބަރުންގެ އަދަދަށް ބަދަލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިޚާބު ކުރާ ރައީސަކީ ފުލްޓައިމް މަސައްކަތް ކުރާ މެންބަރަކަށް ހައްދަވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add