ސްރީލަންކާއަށް އެރި ތޫފާން "ދިތުވާ" ގެ ސަބަބުން އެގައުމުގެ އެކި ހިސާބުތަކުގައި ފެންބޮޑު އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއްް ލިބުމާއި ގޫލިގެން ދިވެހި ރައްޔިތުންގެ ފަރާތުން ވެދޭ އެހީތެރިކަމެއްގެ ގޮތުގައި 25000 މަސްދަޅު ކޭހާއި، 50،000 ޑޮލަރު ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މި އުނދަގޫ ދަނޑިވަޅުގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާއްމަކޮސްދިނުމަށްޓަކައި ވެދޭ މި އެހީތެރިކަކީ އިސްސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ވެދޭ އެހީތެރިކަމެއްް ކަމަށާއި، ރާއްޖެއިން ފޯރުކޮށްދޭ އެހީގެ ސަބަބުން ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށެވެ.
މި ތުފާނުގެ ސަބަބުން ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި މިހާތަނަށް 69 މީހަކު މަރުވެ 34 މީހަކު ގެއްލިފައިވާ ކަމަށް މިހާތަނަށް ރިޕޯޓްކޮސްފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ލަންކާގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާތީ، އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށާއި، އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި ބޯކޮށް ވާރޭވެހި އަދި ވައިގަދަވާ ވަގުތުތަކުގައި ގެއިން ބޭރަށް ނުނިކުތުމަށް ވެސް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ފެނާއި ބޭސް ފަދަ ސާމާނުތައް ރައްކާތެރިކޮށް ބެހެއްޓުމާއި މޮބައިލް ފޯން ޗާޖްކޮށް، މުހިންމު ލިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓަން ވެސް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.




