ތޫފާން ޑިޓުވާގެ ސަބަބުން ސިލޯނުގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 390 އަށް އަރައިފި އެވެ.
ތޫފާނުގެ އަސަރު އެއްކޮށް ފިލައިގެން ދިޔަ ނަމަވެސް ތޫފާނުގައި އެ ގައުމަށް ވެހިފައިވާ ވާރޭގެ ސަބަބުން އުސް ހިސާބުތަކުން ފެންގަނޑު ތިރިއަށް އަންނަމުންދިއުމާ ގުޅިގެން އަދިވެސް ދަނީ ފެންބޮޑުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާ ބޮޑުވަމުންނެވެ.
އެގޮތުން ލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނީ ތޫފާނުގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާ ތަކުގައްޔާއި ގެދޮރުގައި ތާށިވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާތަށް 390 އަރާފައިވާއިރު އިތުރުން 352 މީހަކު އަދިވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި ކަމަށެވެ.
މީގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމާއި ފެން ބޮޑުވުމުގެ ސަބަބުން ހާގާތްގަނޑަކަށް 15،000 އަށް ވުރެ ގިނަ ގެތައް ވަނީ އެއްކޮށް ހަލާކުވެފައިވާ ކަމަށާއި، އަދި މި ހާދިސާތަކުގެ ސަބަބުން 57،000 އަށް ވުރެ ގިނަ އާއިލާތަކަށް އެކަގައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން ކަމަށެވެ.




