މަސްވެރިންގެ ދުވަހުގެ ގޮތުގައި ޚާއްޞަ ދުވަހެއް ސަރުކާރުން ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމަޢުގައި މަސްވެރިން އަދާކުރާ ދައުރާއި، މަސްވެރިން ކުރާ ބުރަ އަދި އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަހެއްގެ ގޮތުގައި ޚާއްސަ ދުވަހެއް ފާހަގަކުރަންފެށީ 1981 ވަނަ އަހަރުން ފެށިގެންނެވެ. އޭރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އައީ ޑިސެމްބަރު 10 ވަނަ ދުވަހެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން ޑިސެމްބަރ 10 ވަނަ ދުވަހު ފާހަގަކުރަމުން އައި މަސްވެރިންގެ ދުވަސް އޮކްޓޫބަރ މަހުގެ 16 ވަނަ ދުވަހު ފާހަގަކުރާގޮތަށް ބަދަލުކުރެއްވިއެވެ. ނަމަވެސް އޭގެފަހުން 2013 ވަނަ އަހަރު ކުރިން އޮތް ގޮތަށް ޑިސެމްބަރ 10 ވަނަ ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސްކަމުގައި ސަރުކާރުން އަލުން ހަމަޖެއްސެވިއެވެ. އޭގެ ފަހުން މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.

މިއަދު 45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ނުލިބެއެވެ. ކުރަނީ ހަމަ އެއް ޝަކުވާއެވެ، މަސް ކިރުމަށް ދަތިވާ ވާހަކައެވެ،. އައިސް ހޯދަން ދަތިވާ ވާހަކައެވެ. ހަމަ އަގު ނުލިބޭ ވާހަގައެވެ. މިއީ އަބަދުވެސް އިވެމުންދާ ޝަކުވާތަކެވެ. ރާއްޖެއަށް ޑިމޮކްރަސީ އައިފަހުން 2008 ވަނަ އަހަރުން ފެށިގެން ކޮންމެ ރިޔާސީ އިންތިހާބެއް ނިމެނީ މި ޝަކުވާތަކަށް ހައްލު ހޯދައިދިނުމުގެ ވައުދާއެކުއެވެ. ސަރުކާރުތަކުން މަސްވެރިންގެ ކަންބޮޑުތައް އަޑުއަހާ ކަމަށް ބުނެއެވެ. ނަމަވެސް އެ ޝަކުވާތަކަށް އެދެވޭ ހައްލެއް ނުލިބެއެވެ. ރައީސް މައުމޫންގެ ޒަމާނުގައި މަސްވެރިކަމަށް ގެނައި އުމްރާނީ ތަރައްޤީ ފިޔަވައި މާބޮޑު ތަރައްޤީއެއް އަދި ފެންނާކަށް ނެތެވެ. ފެލިވަރު ހަމަ އެގޮތުގައެވެ. ކެޕޭސިޓީ އިތުރެއް ނުވެއެވެ. މިފްކޯގެ މަސް ގަންނަނީ ހަމަ އޭރުގެ ބޯޓުތަކަށެވެ. ބޯޓުތައް ބާވެ މާ ބޮޑަށްވެސް ކުދި ވެއްޖެއެވެ. ދޯނިފަހަރާއި މަސްވެރިކަމަށް އައި ތަރައްޤީއާ ގާތަކަށްވެސް މަސްގަންނަ ކުންފުނިތައް ތަރައްޤީ ނުވިއެވެ.

މި ސަރުކާރުން ވެސް ވެރިކަމަށް އައީ މަސްވެރިންނަން ގިނަ ވައުދުތަކާ އެކުގައެވެ. މަހުގެ އަގު 20 ރުފިޔާއަށްއަށް ވުރެ ދަށް ނުވާނެކަމަށާއި، 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ ކަމަށާއި، މިފްކޯއަށް ބޮޑު ކަންނެލި ގަންނާނެކަމަށާއި، ކަންނެލީގެ އަގު 80ރއަށް ވުރެ ދަށް ނުވާނެ ކަމުގެ ވައުދަކީ މައިގަނޑު ވައުދުތަކެވެ. މީގެތެރެއިން މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ވައުދު މިހާރު އަންނަނީ ފުއްދަމުންނެވެ. މިިދިޔަ އަހަރު މަސްވެރިންގެ ދުވަހުން ފެށިގެން 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދޫކުރެއެވެ. ނަމަވެސް ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެއެވެ. ކަންނެލި މަސްވެރިން މިހާރުވެސް ތިބީ އިހުތިޖާޖުގައެވެ.




