ނޭޝަނަލް ހެރަލްޑް ނޫހުން ކޮންގްރެސް ޕާޓީގެ ލީޑަރުން ކަމަށްވާ ސޯނިއާ ގާންދީ އާއި ރާހުލް ގާންދީގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގް ތުހުމަތާ ގުޅީގެން ސޯނިއާ ގާނދީ އާއި ރާހުލް ގާންދީއާ ދެކޮޅަށް ސުބްރަމާނިއަން ސްވާމީ ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ދިއްލީގެ ރޫސް އެވެނިއު ކޯޓުން ނިންމައިފި އެވެ.
އެސޯސިއޭޓެޑް ޖާނަލްސް ލިމިޓެޑް (އޭޖޭއެލް) ގަތުމާ ގުޅޭ މުއާމަލާތްތަކުގައި މަނީ ލޯންޑަރިންގެ އަމަލު ހިންގާފައިވާ ކަމަށްބުނެ އިންޑީއާގެ ނޭޝަނަލް ހެރަލްޑް ނޫހުން ގެނެސްދީފައިވާ އިންވެސްޓިގޭޓިވް ރިޕޯޓަކާ ގުޅިގެން ވެރިކަން ކުރާ ޕީޖޭޕީގެ މެންބަރު ސުބްރަމާނިއަން ސްވާމީ ހުށަހެޅުއްވި މައްސަލާގައި ރައުސް އެވެނިއު ކޯޓުގެ ހާއްސަ ގާޒީ ވިޝާލް ގޯގްނޭ ވިދާޅުވީ، މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނު (ޕީއެމްއެލްއޭ) ގެ ދަށުން އީޑީ އިން ހުށަހެޅި ޝަކުވާ ގާނޫނީ ގޮތުން ބަލައިނުގަނެވޭނެ ކަމަށާއި އެއީ އެފަދަ ކަންކަމުގައި ފުރަތަމަ މަރުހަލާ ކަމުގައިވާ ފަސްޓް އިންފޮމޭޝަން ރިޕޯޓް (އެފްއައިއާރު) ގެ ބަދަލުގައި އަމިއްލަ ފަރާތެއްގެ ޝަކުވާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ރިޕޯޓެއް ކަމަށެވެ.
އެ ކޯޓުން ބުނީ އެފަދަ ޝަކުވާއެއް ގާނޫނުގައިވާ ގޮތުން ނޯޓިސް ނެގުމުގެ އަސާސެއްގެ ގޮތުގައި ނުބެލޭނެ ކަމަށާއި ނަމަވެސް އީޑީ އިން އެކަން ކުރަން ނިންމައިފި ނަމަ ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ސޯނިއާ އާއި ރާހުލް ގާންދީގެ އިތުރުން އެ އެޖެންސީން ވަނީ ކޮންގްރެސް ޕާޓީގެ ލީޑަރުން ކަމަށްވާ ސުމަން ދުބޭ އާއި ސޭމް ޕިޓްރޯޑާގެ އިތުރުން ޔަންގް އިންޑިއަން، ޑޮޓެކްސް މާޗެންޑައިޒް އަދި ވިޔަފާރިވެރިޔާ ސުނިލް ބަންޑާރީ ވެސް މި މައްސަލާގައި ތުހުމަތު ކޮށްފަ އެވެ.
އީޑީގެ ތަހުގީގަކީ ސިޔާސީ މަގްސަދެއްގައި ހިންގާ ތަހުގީގެއް ކަމަށް ކޮންގްރެސް ޕާޓީން ބުނަމުން އަންނަ އިރު، އެ އެޖެންސީން ބުނަމުން އަންނަނީ އެ މައްސަލައަކީ އެސޯސިއޭޓެޑް ޖާނަލްސް ލިމިޓެޑް (އޭޖޭއެލް) ގެ 2،000 ކްރޯޑް ރުޕީސްގެ މުދަލާ ގުޅުން ހުރި މަނީ ލޯންޑަރިންގެ އަމަލެއް ކަމަށެވެ.




