ކައިވެނިކުރަން ތައްޔާރުވަމުންދާ ޒުވާނުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ވަރަށް އަގުހުރި ނުކުތާއެއް

އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ އެއް ދުވަހެއްގެ ތެރޭގައި އެކަލޭގެފާނުގެ ހުރިހާ އަނބިއަނބިކަނބަލުންގެ ގާތަށް ޒިޔާރަތްކުރެއްވި ވާހަކަ ޛިކުރުކުރައްވަމުން އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. " އެކަލޭގެފާނަށް މި އުންމަތުގެ ތިރީސް ފިރިހެނުންގެ ބާރު ލިބިގެންވާ ކަމުގައި ތިމަންމެން ދެކެމެވެ." މިފަދަ ރިވާޔަތެއް ﷲ ގެ ނަބިއްޔާ ސުލައިމާން ޢަލައިހިއްސަލާމް ގެ ވާހަކާގައިވެސް އައިސްފައިވެއެވެ. އެއީ ޞައްޙަ ރިވާޔަތެކެވެ. އެކަލޭގެފާނު އެއް ރޭގެ ތެރޭގައި ނުވަދިހަ އަނބިކަނބަލުންނާ އެއްދާންކުރެއްވިއެވެ.

ޙާފިޡް އިބްނު ޙަޖަރު ރަޙިމަހުﷲ 'ފަތުޙުލް ބާރީ' ގައި މި ވާހަކައިން ލިބޭ ފައިދާތައް ބަޔާންކުރައްވަމުން ވިދާޅުވެފައިވެއެވެ. މިކަމުގައި ނަބީބޭކަލުންނަށް ޚާއްޞަ ކުރެވިގެންވާ ކަންތައްތަކެއްވެއެވެ. އެއީ އެބޭކަލުންގެ ހަށިކޮޅުގެ ދުޅަހެޔޮކަމާއި، ފިރިހެންވަންތަކަމުގެ ފުރިހަމަކަމާއި ބާރުގަދަކަން ހާމަކޮށްދޭ ކަމެކެވެ. މިއީ އެބޭކަލުން އަޅުކަމާއި، ޢިލްމު އުނގަންނައިދިނުމުގައި މަޝްޣޫލުވެވަޑައިގެން އުޅުއްވުމާއެކު ދެއްވާފައިވާ ޚާއްޞަކަމެކެވެ.

އަދި ނަބިއްޔާ ﷺ ގެ ކިބައިން މިކަމުގައި އެންމެ ފުރިހަމަ މުޢުޖިޒާތް ފެނިގެން ގޮސްފައިވާ ކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. އެހެނީ، އެކަލޭގެފާނަކީ ﷲ އަށް އަޅުކަންކުރެއްވުމާއި، ޢިލްމު ފެތުރުއްވުމާއި، އުންމަތުގެ ކަންކަން އިޞްލާޙުކުރެއްވުމުގައި އަވަދިނެތި އުޅުއްވި ބޭކަލެކެވެ. އަދި ކެއިންބުއިމުގައިވެސް އެކަލޭގެފާނު ގެންގުޅުއްވީ ވަރަށް މަދު މިންވަރެކެވެ. އާދައިގެ އިންސާނަކު އެފަދަ މަދު ކެއިންބުއިމަކުން ހަށިގަނޑު ބަލިކަށިވާނެ ނަމަވެސް، އެކަލޭގެފާނު އެއްރެއެއްގެ ތެރޭގައި އެއް ހިނގުމަކުން (އެއް ފަހަރު ހިނައިގަނެގެން) އެގާރަ އަނބިކަނބަލުންގެ އަރިހަށް ޒިޔާރަތްކުރެއްވިއެވެ.

ބުނެވޭ ގޮތުގައި، މީހަކު ﷲ އަށް ތަޤުވާވެރިވި މިންވަރަކަށް، އެމީހެއްގެ ޝަހުވަތްތެރިކަން ވަރުގަދަވެއެވެ. އެހެނީ، ތަޤުވާވެރި ނުވާ މީހާ، ޙަރާމް އެއްޗެއްސަށް ބެލުމާއި އެނޫންވެސް ފާފަތަކުގެ ތެރެއިން އޭނާގެ އެ ބާރު ބޭކާރުކޮށްލައެވެ. ޙަރާމް ބެލުންތަކާއި، ޙަރާމް ބީހުންތަކުގެ ސަބަބުން އެ ޝަހުވަތް ބައިބައިވެ، ބަލިކަށިވެގެންދެއެވެ. ނަމަވެސް، ތަޤުވާވެރިޔާގެ ޝަހުވަތް ހުންނަނީ އެކުގައި ޖަމާވެފައެވެ.

އޭގެ ސަބަބުން ﷲ އޭނާއަށް މަތިވެރި މަންފާއެއް ދެއްވައެވެ. ފާފަތަކަށް އަރައިގަންނަ މީހާ، ޙަރާމް ބެލުމާއި، ޙަރާމް ވާހަކަދެއްކުމާއި، ޙަރާމް އަމަލުތަކުގެ ތެރެއިން އޭނާގެ ބާރުތައް ބޭކާރުކޮށްލުމުގެ ސަބަބުން، ކައިވެނިކުރުމަށްފަހު އޭނާގެ އަނބިމީހާއަށް ދޭންޖެހޭ ޙައްޤު އަދާކުރުމުގައި ބަލިކަށިވެއެވެ.

މިއީ ކައިވެނިކުރަން ތައްޔާރުވަމުންދާ ޒުވާނުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ވަރަށް އަގުހުރި ނުކުތާއެކެވެ. ބައެއް ޒުވާނުން ކައިވެނިކޮށްގެން ހަފްތާއެއް ނުވަތަ ދެ ހަފްތާ ވާއިރުވެސް، އަނބިމީހާއާ ގާތްވުމުގެ ކުޅަދާނަކަން ނުލިބިފައި ތިބެނީ ކުރިން ކުރެވިފައިވާ ފާފަތަކުގެ ސަބަބުން އެމީހުންގެ ބާރު ކެނޑިފައިވުމުންނެވެ. އެހެނަސް، އަމިއްލަ ނަފްސު ޢިއްފަތްތެރިކޮށް ހިފަހައްޓާ މީހާ، ﷲ ސުބުޙާނަހޫ ވަތަޢާލާ ރައްކާތެރިކޮށްދެއްވައެވެ. އަދި އޭނާގެ އުފާތައް ހަމައެކަނި ﷲ ޙަލާލުކުރެއްވި މަގުން ހޯދާ މީހާއަށް، އެންމެ ފުރިހަމަ ގޮތުގައި އެކަމުގެ ލައްޒަތާއި މަންފާ ލިބުމުގެ ތައުފީޤު ދެއްވައެވެ.

ޙާފިޡް އިބްނު ޙަޖަރު ރަޙިމަހުﷲ ފާހަގަކުރެއްވި މި މުހިންމު ފައިދާއަކީ، މި ޒަމާނުގެ ޒުވާނުންނަށް ނުހަނު ބޭނުންތެރި ކަމެކެވެ. ސްކްރީންތަކުންނާއި، ޗެނަލްތަކުންނާއި، ފިލްމުތަކާއި މަޖައްލާތަކުން ފެންނަ ޙަރާމް މަންޒަރުތަކަށް ބެލުމަކީ ޒުވާނުންގެ ޙަޔާތަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. އެކަމުގެ ސަބަބުން އޭނާއަށް ނޭނގި ހުރެ އޭނާގެ ޙަޔާތް ބިމާހަމަވެ، އޭނާގެ އަގުހުރި ބާރުތައް ބޭކާރުވެ، ނިކަމެތިކަމާއި މަޙްރޫމްވުން ކުރިމަތިވެއެވެ.

އެހެންކަމުން، ކޮންމެ ޒުވާނަކުވެސް ޢިއްފަތްތެރި، ޠާހިރު ދިރިއުޅުމަކަށް އިސްކަންދޭންޖެހެއެވެ. ﷲ ގެ ކޯފާ އަތުވެދާނެ އެންމެހާ ކަންކަމާ ދުރުހެލިވާންޖެހެއެވެ. ޚާއްޞަކޮށް ފިތުނަފަސާދައާއި މަގުފުރައްދާނެ ވަސީލަތްތައް ގިނަވެފައިވާ މި ޒަމާނުގައި، ﷲ ގެ ރައްކާތެރިކަން މެނުވީ ސަލާމަތްތެރިކަމެއް ނެތެވެ. އަޅަމެންގެ ނަފްސުތަކާއި ދަރިފަސްކޮޅު ރައްކާތެރިކޮށްދެއްވައި، ފާޅުވެގެންވާ ފިތުނަތަކާއި ވަންހަނާވެގެންވާ ފިތުނަތަކުން އަޅަމެން ސަލާމަތްކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތުގައި ދުޢާކުރަމެވެ.
(الشيخ عبد الرزاق بن عبد المحسن البدر حفظه الله ގެ ދަރުސަކުން ނަގާފައި – ތަރުޖަމާ ޝައިޚް މުޙައްމަދު ޝާފިޢު)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *