Advertisement
BML Home 2nd Ad

ޖަމުރާއަށް ހިލައުކުމުގެ ތެރޭގައި ހެދޭ ގޯސްތައް

1- ކޮންމެ ގޮތަކުންވެސް މުދުދަލިފާއިން ހިލަ ހޮވަންޖެހޭނެ ކަމަށް އިޢުތިޤާދުކުރުން: އެހެންކަމުން އެބައިމީހުން ރޭގަނޑުގެ ވަގުތުތަކުގައި ހިލަހޮވުމަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެއިން ހިލަކޮޅެއް ގެއްލިއްޖެނަމަ އެކަމާ ދެރަވެ ހިތާމަކޮށް، އެބައިމީހުންގެ ރައްޓެހިން ގާތުން، މުޒުދަލިފާއިން ހޮވާފައި ހުރި ހިލައިން ހިލަ ދިނުމަށް އެދެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މުޒުދަލިފާއިން ހިލަހޮވުމަކީ އޭގައި އެއްވެސް އަޞްލެއް އޮތްކަމެއް ނޫނެވެ.

Advertisement
Etukuri Inside ad 300x300 Desktop

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ސަވާރީގައި އިންނަވާ، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން، ހިލަކޮޅުތައް ހޯއްދެވުމަށް އަމުރުކުރެއްވީ، އެކަލޭގެފާނުގެ ޖަމުރާތައް ކައިރީގައިވީ ވަޤުތެއްގައެވެ. އޭގެ ކުރިން (ހިލަހޮވުމަށް) މުޒުދަލިފާގައި އެކަލޭގެފާނު މަޑުކުރެއްވި ކަމެއް ވާރިދުވެފައެއް ނުވެއެވެ. އެހެނީ އެ ހިލަކޮޅުތަކުގެ ބޭނުން ޖެހުނު ވަޤުތަކީ އެއީއެވެ. އޭގެ ކުރިން ހިލަކޮޅުތައް ހޯއްދެވުމަށް އަމުރުނުކުރެއްވީ އޭގެ ބޭނުމެއް އޭރު ނެތުމާއި އެ އުފުލުމުގެ ތަކުލީފުން ބަރީއަވުމަށެވެ.

2- ޖަމުރާއަށް ހިލައުކާއިރު އެ ހިލައުކަނީ ޝައިޠާނާއަށް ކަމަށް އިޢުތިޤާދުކުރުން: އެގޮތުން ބައެއްމީހުން ޖަމުރާތަކަށް ޝައިޠާނާއޭވެސް ކިޔައެވެ. އެބައިމީހުން ބުނެއެވެ. ބޮޑު ޝައިޠާނާއަށް ހިލަ އުކައިފީމެވެ. ނުވަތަ ކުޑަ ޝައިޠާނާއަށް ހިލައުކައިފީމެވެ. ނުވަތަ ޝައިޠާނުންގެ ބައްޕަ (އެބައިމީހުން މާނަކުރާ ގޮތުގައި އެއީ ބޮޑު ޖަމުރާ ނުވަތަ ޖަމުރަތުލް ޢަޤަބާ) މިނޫންވެސް މިފަދަ، އިސްލާމީ ޝަރީޢަތުގެ މަޝާޢިރުތަކާ އެއްގޮތަކަށްވެސް އެކަށީގެންނުވާ ޢިބާރާތްތައް ބޭނުންކުރެއެވެ.

އެހެންކަމުން އެބައިމީހުން ހިލައުކާއިރު، ގަދަފަދަ ކަމާއި ރުޅިވެރިކަމާއި ޝައިޠާނާއާ ދިމާލަށް އެއްޗެތިކިޔުމާއެކު ހިލައުކައެވެ. ބައެއް މީހުން ޖަމުރާތަކުގެ ފާރުމައްޗަށް އަރައި، ޖަމުރާތަކާ ދިމާއަށް ކުޅުޖަހައި، ފައިވާނުން ތަޅައި، ރުޅިވެރިކަމާއެކު ބޮޑެތި ހިލައިން ތަޅައިހަދައެވެ. މިހުރިހާ ކަމެއް ބިނާވެގެންވަނީ މިބުނާ ޢަޤީދާގެ މައްޗަށެވެ. އެއީ ހިލައުކަނީ ޝައިޠާނާއަށް ކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމުގެ މައްޗަށެވެ. މިކަންކަމަކީ އެއްވެސް އަޞްލެއް އޮތް ކަންކަމެއްނޫނެވެ. ކުރިން ބަޔާންކުރެވުނު ޙަދީޘުން އެނގުނުގޮތުގައި، ޖަމުރާތަކަށް ހިލައުކުން ޝަރުޢުކުރެއްވުމުގެ ޙިކުމަތަކީ ﷲ އަށް ޛިކުރު ކުރުމެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިލައުއްކެވި އިރު ކޮންމެ ހިލަކޮޅަކާއެކު ތަކުބީރު ވިދާޅުވިއެވެ.

3- ބޮޑެތި ހިލަ އާއި ފައިވާނާއި ބޫޓާއި ލަކުޑި ޖަމުރާތަކަށް އުކުން: މިއީ ވަރަށް ބޮޑު ގޯހެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޢަމަލުފުޅުން އުއްމަތަށް އުނގަންނަވައިދެއްވި އަދި އަމުރުކުރެއްވި ގޮތާ ޚިލާފު ގޮތެކެވެ. އެހެނީ އެކަލޭގެފާނު އުއްކެވީ އަތުގެ އިނގިލިތަކުން ހިފޭވަރުގެ ކުދި ހިލައެވެ. އަދި އެކަލޭގެފާނުގެ އުއްމަތަށް އެފަދަ ހިލަ އުއްކެވުމަށް އަމުރުކުރެއްވިއެވެ. ދީނުގެ ކަންކަމުގައި ޙައްދުފަހަނަޅައި ދިޔުމުން ރައްކާތެރިވުމަށް އެކަލޭގެފާނު އަހަރެމެންނަށް އެންގެވިއެވެ. މި ގޯހުގެ އަޞްލު ސަބަބަކީ ހިލަ މި އުކަނީ ޝައިޠާނާއަށް ކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމެވެ.

4- ޖަމުރާތަކަށް ހިލައުކަން ދާއިރު، މަޑުމައިތިރިވުމާއި މަޑުމޮޅިކަން ނެތި ގަދަފަދަކަމާއި ރުޅިވެރިކަމާއެކު ދިޔުން: މިދާ ދިޔުމުގައި އެހެނިހެން މީސްތަކުންނަށް ރަޙުމްކުރުމެއް ނެތި ދިޔުމުގެ ސަބަބުން މީސްތަކުންނަށް އުނދަގޫވުމާއި، އެއްޗެތި ކިޔުމާއި، ތަޅާފޮޅުންފަދަ ކަންތައްތައް ހިނގައެވެ. އަދި މި މަތިވެރި މަޝްޢަރު، އެއްޗެތި ކިޔުމާއި ތަޅާފޮޅުމުގެ ތަނަކަށް ބަދަލުވެގެން ދެއެވެ. އެކަން އެގޮތަށް ވުމުގެ ސަބަބުން މިމަތިވެރި އަޅުކަން ޝަރުޢުކުރެއްވުމުގެ މަޤްޞަދުން ބޭރުވެގެން ދިޔައީއެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި މަގުންވެސް ބޭރުވެގެން ދިޔައީއެވެ. عَنْ قُدَامَةَ بْنِ عَبْدِ اللهِ، قَالَ رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَرْمِي جَمْرَةَ الْعَقَبَةِ يَوْمَ النَّحْرِ عَلَى نَاقَةٍ لَهُ صَهْبَاءَ لاَ ضَرْبَ وَلاَ طَرْدَ وَلاَ إِلَيْكَ إِلَيْكَ. މާނައީ: “ނަޙްރުގެ ދުވަހުގައި ޖަމުރަތުލް ޢަޤަބާއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ރަތްމުށިކުލައިގެ ޖަމަލުކޮޅުގައި ހިލަ އުއްކަވަނިކޮށް އަހުރެން ދުށީމެވެ. އެއީ އެއްވެސް މީހަކަށް އުނދަގޫކުރުމަކާ ނުލައި، އެއްވެސް މީހަކު ކޮއްޕުމަކާ ނުލައެވެ.”

5- އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ފުރަތަމަ ޖަމުރާ އާއި ދެވަނަ ޖަމުރާއަށް ހިލައުކުމަށްފަހު ދުޢާކުރުމަށް މަޑުނުކޮށް ދިޔުން: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ފުރަތަމަ ޖަމުރާއަށާއި ދެވަނަ ޖަމުރާއަށް ހިލައުއްކެވުމަށްފަހު، ހުއްޓިވަޑައިގެން، ޤިބުލައަށް ކުރިމަތިލައްވައި، ދެ އަތް އުފުއްލަވައި، ވަރަށް ދިގުކޮށް ދުޢާކުރެއްވިއެވެ. މީސްތަކުން ދުޢާކުރުން ދޫކޮށްލުމުގެ ސަބަބަކީ ޖާހިލުކަމެވެ. އަވަސް އަވަހަށް އަޅުކަން އަދާކޮށް ނިންމާލަން ބޭނުންވުމެވެ.

ޙައްޖުވެރިޔާ ޙައްޖަށް ދިޔުމުގެ ކުރިން ރަނގަޅުގޮތުގައި ޙައްޖުވުމަށްޓަކައި އަދި ޙައްޖުގެ އަޅުކަމުގެ ތެރޭގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމަށްޓަކައި ޙައްޖުގެ ޙުކުމްތައް އުނގެނި ދަސްކުރާނޭ ނަމަ ކިހާރަނގަޅު ހެއްޔެވެ. މީހަކު ރަށަކަށް ނުވަތަ ތަނަކަށް ފުރާނަމަ، އެތަނަށް ވާޞިލުވެވޭނޭ މަގު އެހެންމީހުން ކައިރިން އަހައި އޮޅުން ފިލުވާއިރު، ﷲ އާއި އެއިލާހުގެ ސުވަރުގެއަށް ވާޞިލުވާނޭ މަގު ބޭނުންވާ މީހަކު ހަމަގައިމުވެސް ކަންކަން އަހައި އޮޅުން ފިލުވުން މާ އައުލާކަން ބޮޑުވެގެން ވެއެވެ.

6- ހުރިހާ ހިލަކޮޅެއް (ހަތް ހިލަކޮޅު) އެއްފަހަރާ އުކުން: މިއީ ވަރަށް ބޮޑު ގޯހެކެވެ. ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައިވާ ގޮތުގައި މިގޮތަށް ހުރިހާ ހިލަކޮޅެއް އެއްފަހަރު އުކާލުމުން އެ ބެލެވޭނީ އެއް ހިލަކޮޅު ކަމުގައެވެ. މާނައަކީ އެއްފަހަރު އުކީ ކަމުގައެވެ. ވާޖިބުވެގެންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްކެވި ފަދައިން ހިލަކޮޅަކުން ހިލަކޮޅަކުން އުކުމެވެ. އެއްކޮށް އެއްފަހަރާ އުކުމެއް ނޫނެވެ.

7- ޖަމުރާތަކަށް ހިލައުކަމުން ދުޢާކުރުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ޘާބިތުވާކަމެއް ނޫނެވެ. މިސާލަކަށް ބައެއް މީހުން ކިޔާ اللهم اجعلها رضاً للرحمن وغضباً للشيطان ފަދަ ޢިބާރާތްތަކަކީ ޘާބިތު ދުޢާތަކެއް ނޫނެވެ. ބައެއް މީހުން އެ ވަގުތުގައި ހިލައުކާއިރު ކިޔަންޖެހޭ ތަކުބީރު ދޫކޮށްލައިފައިވެސް މިފަދަ ދުޢާތައް ކިޔާފާނެއެވެ. އައުލާވެގެންވާ ގޮތަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ވާރިދުވެގެންވާ މިންވަރުން ފުއްދާލުމެވެ. އެއަށްވުރެ އިތުރު ނުކުރުމެވެ. އަދި އުނިވެސް ނުކުރުމެވެ.

8- ހިލައުކުމުގެ މި އަޅުކަން އަމިއްލައަށް ކުރުމުގައި ފަރުވާކުޑަކޮށް، އެކަން ކުރަން އެހެން މީސްމީހުންނާ ޙަވާލުކުރުން: މިކަން ބައެއްމީހުންކުރަނީ އެބައިމީހުން އެކަމަށް ކުޅަދާނަވެގެންވާ ޙާލުގައެވެ. ގިނަ މީހުން މިކަން މިގޮތަށް ކުރަނީ ތޮއްޖެހުމުގެ ތެރޭގައި ނުހިނގުމަށާއި، ހިލައުކުމަކީ ބުރަކަމެއް ކަމަށް ހީކޮށް އެކަމުގެ ބުރަކަމުން ރެކިގަތުމުގެ ބޭނުމުގައެވެ. މިއީ ﷲ ތަޢާލާގެ މި ބަސްފުޅު، އާދެ ޙައްޖާއި ޢުމުރާގެ އަޅުކަން ފުރިހަމަ ކުރުމަށް އަހަރެމެންނަށް ކުރައްވާފައިވާ އަމުރުފުޅާ ޚިލާފުކަމެކެވެ. {وَأَتِمُّوا الْحَجَّ وَالْعُمْرَةَ للهِ} [البقرة: 196] މާނައީ: “ތިޔަބައިމީހުން ﷲ އަށްޓަކައި ޙައްޖާއި ޢުމުރާ ފުރިހަމައަށް އަދާކުރާށެވެ.”

ކުޅަދާނަވެގެންވާ މީހާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާ އަމިއްލައަށް ހިލައުކަން ދިޔުމެވެ. އަދި އަޅުކަމުގެ ތެރޭގައި ދިމާވާ ވަރުބަލިކަމާއި ދަތިކަމަށް ކެތްތެރިވުމެވެ. އެހެނީ ޙައްޖަކީ ޖިހާދުގެ ބާވަތެކެވެ. އެކަމުގެ ތެރޭގައި ބުރަކަމާއި ދަތި އުނދަގޫތައް ހިމެނޭ ކަމެކެވެ. ޙައްޖުވެރިޔާ ﷲ އަށް ތަޤުވާވެރިވާހުށިކަމެވެ. އަދި އަޅުކަން ފުރިހަމަ ގޮތުގައި، ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ފަދައިން، އޭނާއަށް ވީވަރަކުން ކުރާހުށިކަމެވެ.

އަޞްލު ލިޔުއްވީ: الشيخ محمد بن صالح العثيمين رحمه الله

ތަރުޖަމާކުރީ: محمد شافع بن عبد الغفور

ބަހުގެ ހަމަތައް މުރާޖަޢާ ކުރީ: الأخ حسن زاهر

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add