ޚާލިދު ބުން ވަލީދު ފައްޅި ތަޅާލައި ފައްޅީގައި ތިބި މީހުން މަރާލިނަމަ ވާނީ ކިހިނެއްތޯއެވެ؟

ޚާލިދު ބުން ވަލީދު ރަޟިޔަﷲ ޢަންހު، ޢައިނުއްތަމްރުއޭ ކިޔުނު ފައްޅި ހަލާކުކޮށް އޭގައި ތިބި މީސްތަކުން ޤަތުލު ކޮއްލިނަމަ ވާނީ ކިހިނެއްތޯއެވެ؟

ޢިރާޤުގެ ހަނަފަސް ސަހަރާގައި ޢައިނުއްތަމްރުއޭ ކިޔުނު ފައްޅިއެއް ހުއްޓެވެ. އެތަން ފަތަޙަ ކުރެއްވި އިރުގައި އެފައްޅީގައި އިންޖީލު އުނގެނި، ނަޞާރާ ދީން އެސަރަހައްދުގައި ފެތުރުމަށް ކިޔަވަމުން އައި ސާޅީސް ކިޔަވާ ކުދިން ޚާލިދު ބުން ވަލީދު ރަޟިޔަﷲ ޢަންހުއަށް ފެނިވަޑައިގަތެވެ.

އެކުދީންތަކުގެ ތެރޭގައި ސީރީން، ޔަސާރު އަދި ނުޞައިރު އޭ ކިޔުނު ތިން ކުދީން ވިއެވެ.

މުސްލިމުން އެސަހަރު ފަތަޙަކުރުމުން މިތިން ކުދީންވެސް އިސްލާމް ދީން އުނގެނި އިސްލާމްވިއެވެ.

# ފުރަތަމަ ބޭކަލަކީ ސީރީންއެވެ. ސީރީން އިސްލާމްވެވަޑައިގެން އެބޭފުޅާއަށް ލިބިވަޑައިގަތް ދަރިކަލުން ކަމުގައިވާ މުޙައްމަދު ބުން ސީރީން އަކީ ތާބިޢީބޭކަލުންގެ ތެރެއިން ޙަދީޘް، ފިޤްހު އަދި ހުވަފެން ތަފްސީރު ކުރުމުގެ ޢިލްމުން އަރައި ހުންނެވި ބޭކަލެކެވެ.

# ދެވަނަ ބޭކަލަކީ ޔަސާރުއެވެ. ޔަސާރު އިސްލާމްވެވަޑައިގެން އެބޭފުޅާއަށް ލިބިވަޑައިގަތް ކާފަދަރިކަލެއް ކަމުގައިވާ އަބޫ މުޙައްމަދު ބުން އިސްޙާޤް ބުން ޔަސާރު އަކީ މަޝްހޫރު ސީރަތު ފޮތް ސީރަތު އިބްނު އިސްޙާޤް ގެ މުޞައްނިފެވެ.

#ތިންވަނަ ބޭކަލަކީ ނުޞައިރުއެވެ. ނުޞައިރު އިސްލާމްވެވަޑައިގެން އެބޭފުޅާއަށް ލިބިވަޑައިގަތް ބޭކަލެއް ކަމުގައިވާ މޫސާ ބުން ނުޞައިރު އަކީ އަންދަލުސް [ސްޕެއިން] އަދި އުތުރު އެފްރިކާ ފަތަޙަ ކުރެއްވި ބޭކަލެކެވެ.

ޚާލިދު ބުން ވަލީދު އަދި ޞަޙާބީން رضي الله عنهم أجمعين އަށް ފަހުމްވެވަޑައިގަތް އިސްލާމް ދީނަކީ މިއީއެވެ.

 

ހަނގުރާމާގައިވެސް މުސްލިމު އުންމަތަށް އެންމެ ފައިދާހުރި ގޮތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައިވާ އުޞޫލުތަކުގައި ހިފެހެއްޓުމެވެ.

 

މަޞްދަރު [އަލްބިދާޔަތް ވައްނިހާޔަތް/ ހަވަނަ ބައި/ ވަޤަޢަތު ޢައިނުއްތަމްރު.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *