ކޮޅުމަޑުލު ވިލުފުށިން އެންމެ ފުރަތަމަ ކީރިތި ޤުރުއާން ހިތުދަސްކޮށް އަލްޙާފިޡާ ކަމުގެ ސަނަދު އެރަށު ބްލޫސަން ލިބާ ބިންތި މުޙައްމަދު ޢާރިޟް ހޯދައިފިއެވެ.
އަލްޙާފިޡާ ލިބާ ބިންތި މުޙައްމަދު ޢާރިޟް ހޯދި ކާމިޔާބީ ފާހަގަ ކުރެއްވުމުގެ ގޮތުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ވަނީ ލިބާ ބިންތި މުޙައްމަދު ޢާރިޟް އާއި ބައްދަލުކުރައްވައި މަރުޙަބާ ދަންނަވާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އަލްޙާފިޡާ ލިބާ ބިންތި މުޙައްމަދު ޢާރިޟް ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ކީރިތި ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ނަސޭޙަތްތެރިވެލައްވާ ހިއްވަރު ދެއްވާފައެވެ.
އަލްޙާފިޡާ ލިބާ ބިންތި މުޙައްމަދު ޢާރިޟް ޙާފިޡުކަމުގެ ސަނަދު ހާސިލްކުރީ 3 މެއި 2026 ގައެވެ. އަދި ސަނަދު ހާސިލްކޮށްފައިވަނީ 1 މަސް ދުވަސްތެރޭ ޤުރުއާނާއި ބެހޭ މަރުކަޒުގެ ޙިފްޡު ކޮމިޓީއަށް ކިޔުއްވާ 1 ވަނަ ދަރަޖައިގައި ފާސްވެގެންނެވެ.
ލިބާގެ ބައްޕަ މުޙައްމަދު ޢާރިޟް ބުނީ ދަރިފުޅު ޤުރުއާން ހިތުދަސްކުރަން ފެށުނީ ޕްރީ ސްކޫލްގައި އުޅެމުން ކަމަށެވެ. އަދި ޤުރުއާނާއި ބެހޭ މަރުކަޒާ ގުޅުނީ 2018 ގައި ކަމަށެވެ. ޢާރިޟް ބުނީ ކޮވިޑްގެ ދުވަސްވަރު ސްކޫލާއި ޤުރުއާނާ ބެހޭ މަރުކަޒު ބަންދުވެފައި ހުރުމުން އެދުވަސްތައް ދަރިފުޅު ގިނައިން ހޭދަކުރީ ޤުރުއާން ހިތުދަސް ކުރުމުގައި ކަމަށެވެ.
ލިބާ ހޯދި ކާމިޔާބީ ފާހަގަކޮށް ވިލުފުށީ ކައުންސިލުންވެސް ވަނީ މަރުހަބާ ދަންނަވާފައެވެ.




