ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ޑައިބިޓީސް ސޮސައިޓީގެ އިސްބޭފުޅުންވަނީ، އެބޭފުޅުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. ހަމައެއާއެކު އެބޭފުޅުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ޖަމުޢިއްޔާއިން ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތުވެސް ޙިއްޞާކުރައްވާ، އެޕްރޮގްރާމްތައް ހިންގުމަށްޓަކައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދަންނަވާފައެވެ. އަދި ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ޚިދުމަތްދިނުމާ ގުޅޭ ގައިޑްލައިނެއް އެކުލަވައިލުމާ ގުޅޭގޮތުންވެސް އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރާއި އެހެނިހެން މުވައްސަސާތަކަށް މެދުވެރިކޮށް ޑައިބިޓީސް ސޮސައިޓީއަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާނެ ކަމުގައެވެ. އަދި އެ ޖަމުޢިއްޔާއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުގެ މަޢުލޫމާތު އެމަނިކުފާނު ސާފުކުރެއްވިއެވެ. މީގެއިތުރުން އެމަނިކުފާނުވަނީ، ޑައިބިޓީސް ސޮސައިޓީން ކުރަމުންދާ ބުރަ މަސައްކަތާއި ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ފާހަގަކުރައްވާ، އެތަނުގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.