Advertisement
BML Home 2nd Ad

ޠަވާފުކުރާއިރު ދުޢާކުރުމާއި އެކަމުގެ ތެރޭގައި ހެދޭ ގޯސްތައް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޠަވާފުގެ ތެރޭގައި ޙަޖަރުލް އަސްވަދުގެ ކައިރިއަށް ވަޑައިގެންނެވި ކޮންމެ ފަހަރަކު އެކަލޭގެފާނު ތަކްބީރު ވިދާޅުވިކަމަށް ޘާބިތުވެފައިވެއެވެ. ރުކުނުލް ޔަމާނީއާ ޙަޖަރުލް އަސްވަދާ ދެމެދު އެކަލޭގެފާނު މިފަދައިން ވިދާޅުވާ ކަމުގައިވެއެވެ. {رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ} [البقرة: 201] މާނައީ: “އަޅަމެންގެ ރައްބު، ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާ، ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާދޭވެ.”

Advertisement
Etukuri Inside ad 300x300 Desktop

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. (( إِنَّمَا جُعِلَ الطَّوَافُ بِالْبَيْتِ وَبِالصَّفَا وَالْـمَرْوَةِ وَرَمْيُ الـجِمَارِ لِإِقَامَةِ ذِكْرِ اللهِ )) [رواه الترمذي ، كتاب الحج رقم (902).وصححه السيوطي في الجامع الصغير 2589 وقال ابن باز رحمه الله في مجموع فتاوى 186/16 ثابت] . މާނައީ: “ކަޢުބާގެ ވަށައިގެން ޠަވާފުކުރުމާއި، ޞަފާ އާއި މަރުވާއާ ދެމެދު ސަޢުޔުކުރުމާއި، ޖަމުރާތަކަށް ހިލައުކުން،ﷲ ހަނދުމަކުރުން ޤާއިމުކުރުމަށްޓަކައި މެނުވީ ލެއްވިގެން ނުވެއެވެ.”

ޠަވާފުކުރާ ބައެއް މީހުން ކުރާ ހަދާ ގޯސްތަކުގެ ތެރޭގައި ޠަވާފުގެ ކޮންމެ ބުރެއްގައި ކިޔުމަށް ވަކި ޚާއްޞަ ދުޢާއެއް ޢައްޔަންކުރުން ހިމެނެއެވެ. އަދި އެބުރުގައި އެދުޢާ ނޫން އެހެން ދުޢާއެއް ނުކުރެއެވެ.

އެގޮތަށް ދުޢާކުރަމުން ދާއިރު ޠަވާފުގެ ބުރު ފުރިހަމަވާން ކައިރިވުމުން އެ ދުޢާ ނުނިމޭނަމަ، ބުރު ނިމުމާއެކު ވަގުތުން އެދުޢާވެސް މެދުކަނޑާލައެވެ. އެއީ އެ ދުޢާގައި ނުނިމި އެންމެ ލަފުޒެއް އޮތް ކަމުގައިވިޔަސް މެއެވެ. ދެން އަނެއްބުރުގައި އެބުރަށް ޚާއްޞަކޮށް އެހެން ދުޢާއެއް ކިޔަންފަށައެވެ. ބުރު ހަމަވުމުގެ ކުރިން ދުޢާ ކިޔާ ނިމިއްޖެނަމަ ބުރުގެ ދެން ބާކީ އޮތްބައިގައި އެއްވެސް އެއްޗެއް ނުކިޔާ، އެ ބުރު ފުރިހަމަކުރެއެވެ.

ޠަވާފުގެ ކޮންމެ ބުރެއްގައި އެބުރަކަށް ޚާއްޞަކޮށް ކިޔުމަށް، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޘާބިތުވެގެން އައިސްފައިވާ ދުޢާއެއް ނުވެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޠަވާފުކުރުމުގައި ކިޔުމަށް ކަނޑައެޅިގެން ވަކި ޛިކުރެއް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޘާބިތުވެގެން އައިސްފައިނުވެއެވެ.

އެކަލޭގެފާނުގެ އަމުރުފުޅަކުން ނުވަތަ ވިދާޅުވި ބަސްފުޅަކުން ނުވަތަ އެކަލޭގެފާނު އުނގަންނަވައިދެއްވި އުނގަންނަވައިދެއްވުމަކުން ވިޔަސް މެއެވެ. އަދި ކިއެއްތަ، ޝަރުޢީ ކޮންމެ ދުޢާއެއްވެސް ކިޔިދާނެއެވެ. ބައެއް މީހުން ގެފުޅުގެ ދިޔަދޮވިކޮޅުގެ ދޮށުގައި ނުވަތަ އެނޫންވެސް ތަނެއްގައި ވަކި ޚާއްޞަ ދުޢާއެއްކޮށް ހެދުމަކީ އެކަމުގައި އެއްވެސް އަޞްލެއް އޮތް ކަމެއް ނޫނެވެ.”

އެހެންކަމުން، ޠަވާފުކުރާ މީހާ އެނާ ބޭނުންވާ ދުޢާއެއް، ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމަށް އެދި ކުރެވިދާނެއެވެ. އަދި މަޝްރޫޢުވެގެންވާ ކޮންމެ ޛިކުރެއް ބޭނުންކޮށްގެން ﷲ ތަޢާލާއަށް ޛިކްރު ކުރެވިދާނެއެވެ. ތަސްބީޙަ އާއި ތަޙްމީދާއި ތަހްލީލާއި ތަކްބީރާއި ނުވަތަ ކީރިތި ޤުރުއާން ކިޔެވިދާނެވެ.

ޠަވާފުކުރާމީހުންނަށް ހެދޭ ބައެއް ގޯސްތަކުގެ ތެރޭގައި މާނަ ނޭނގޭ ދުޢާތައް ކިޔުން ހިމެނެއެވެ. އެ ދުޢާތަކުގައި ކުށްތަކާއި، އޭގެ މާނައަށް ބަދަލު އަންނަވަރުގެ އިމްލާ ކުށްތައް ނުވަތަ ޗާޕުކުރުމުގެ ކުށްތައްވެސް ހުރެދާނެއެވެ. އަދި އެ ދުޢާތައް ތިމާގެ އަމިއްލަ ނަފުސަށް ކުރެއެވެ. އޭނާއަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގިހުރެއެވެ. ވަރަށް ޢަޖައިބުކުރުވަނިވި ކަންތައްތައްވެސް މިކަމާ ބެހޭގޮތުން އަޑުއިވިފައިވެއެވެ.

ޠަވާފުކުރާމީހާ، އޭނާގެ ރައްބަށް ދުޢާކުރުމުގައި، އޭނާއަށް އެނގޭ ދުޢާއެއް ކުރާނަމަ އޭނާއަށް އެކަމުގެ މަންފާ ބޮޑުވެފައި ހެޔޮކަން ބޮޑުވެގެންވެއެވެ. އޭރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް ތަބަޢަވެވުނީއެވެ.

ޠަވާފުކުރާ ބައެއް މީހުންނަށް ހެދޭ ގޯސްތަކުގެ ތެރޭގައި މީހެއްގެ ފަހަތުގައި ޖަމާޢަތެއް ހަދައިގެން ޠަވާފުކޮށް، އެމީހާގެ އަޑު ދަށުން، ޖަމާޢީކޮށް ބާރު އަޑުން ދުޢާ ކިޔުމާއި، އަޑުގަދަކުރުމާއި، ޠަވާފުކުރާ އެހެނިހެން މީހުންނަށް އެކަމުގެ ސަބަބުން އުނދަގޫވުމާއި، އެމީހުންނަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގުން ހިމެނެއެވެ. މިކަމުގެ ސަބަބުން އަޅުކަމުގެ މަޑުމައިތިރިކަމާއި މަޑުމޮޅިކަން ގެއްލިގެންދެއެވެ. އަދި އެ އަމާންކަން ލިބިގެންވާ ޙަރަމްފުޅުގައި އަޅުކަންކުރުމުގައި ޙަރަކާތްތެރިވާ ﷲ ގެ އަޅުތަކުންނަށް އުނދަގޫވެއެވެ.

ނަމާދުކޮށް، ކީރިތި ޤުރުއާން ބާރަށް ކިޔަވައި އުޅުނު ބައެއްގެ ތެރެއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުކުމެވަޑައިގެން، ޙަދީޘުކުރެއްވިއެވެ. (( كُلُّكُم يُنَاجِي رَبَّهُ فَلَا يَجْهَرْ بَعْضُكُم عَلَى بَعْضٍ فِي القُرْآنِ )) [رواه مالك في الموطأ وقال ابن عبدالبر وهو حديث صحيح] މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް ތިޔަ މުނާޖާ ދަންނަވަނީ އެމީހެއްގެ ރައްބަށެވެ. ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ކީރިތި ޤުރުއާން ކިޔެވުމުގައި އަޑުހަރުނުކުރާށެވެ.”

އެގޮތަށް ޖަމާޢީކޮށް ދުޢާކުރުމުގައި އިސްކޮށް ހުންނަމީހާ، އެބައިމީހުން ގޮވައިގެން ކަޢުބާގެ ކައިރިއަށް ގޮސް، އެތާނގައި ހުއްޓި، އެވެނި މިވެނި ގޮތަށް ކަންތައްކުރާށޭ، މިފަދައިން ކިޔާށޭ، ތިޔަބައިމީހުން ލޯބިކުރާ ދުޢާއެއް ކުރާށޭ، ބުނެފިނަމަ، އެބައިމީހުންވެސް މަޑުމޮޅިކަމާއި މަޑުމައިތިރިކަމާއެކު، އެބައިމީހުންގެ ރައްބަށް ބިރުވެތިކަމާއި އުއްމީދުކުރުމާއެކު ދުޢާކުރާނެއެވެ.

އަދި އެބައިމީހުން ކުރާނީވެސް އެބައިމީހުން ދަންނަ، މާނަ އެނގޭ އެބައިމީހުން ޤަޞްދުކުރާ ދުޢާތަކެވެ. އޭރުން އެއްކަލަ ޖަމާޢީ ދުޢާކުރާ ކުރުމުގެ ސަބަބުން މީސްތަކުންނަށް ވާ އުނދަގޫތަކުން މީސްތަކުންވެސް ސަލާމަތްވީއެވެ.

އަޞްލު ލިޔުއްވީ: الشيخ محمد بن صالح العثيمين رحمه الله

ތަރުޖަމާކުރީ: محمد شافع بن عبد الغفور

ބަހުގެ ހަމަތައް މުރާޖަޢާ ކުރީ: الأخ حسن زاهر

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add