ފްރާންސްގެ ކެޕްޓަން އަދި ރެއަލް މެޑްރިޑްގެ މޭން ކީލިއަން އެމްބާޕޭގެ ގޯލް ޖެހުމުގެ ރެކޯޑު އެފަދަ ދެވަނައެއް ނުވާ އާޖެންޓީނާގެ ލިއޮނެލް މެސީ އާއި ޕޯޗުގަލްގެ ރޮނާލްޑޯއަށްވުރެ ރަނގަޅުކަން ފާހަގަކުރެވިއްޖެއެވެ. މިހާރު އުމުރުން 26 އަހަރުގެ އެމްބާޕޭއަކީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިން، އެންމެ ކުރިއްސުރެ ތައުރީފުކުރަމުން އައިސްފައިވާ ކުޅުންތެރިޔާއެވެ.
އެމްބާޕޭގެ ކެރިއަރ ފްރާންސްގެ މޮނާކޯއިން ފެށިގެން އައިސްފައިވާއިރު، 2018 ވަނަ އަހަރު ފްރާންސްގެ ޕީއެސްޖީއަށް އެމްބާޕޭ ބަދަލުވި ހިސާބުން ފެށިގެން މިއަދާއި ހަމައަށްވެސް ކޮންމެ ސީޒަނެއްގައިވެސް ފުޓުބޯޅަ ލީގުގައި އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާގެ މަޤާމު ހަމައެކަނި އޮތީ އެމްބާޕޭ އަތުގައެވެ. އެއީ، ފްރެންޗް ލީގުގެ ޓޮޕް ސްކޯރަރގެ މަޤާމު ޖެހިޖެހިގެން 6 ފަހަރު އަދި ސްޕެނިޝް ލަލީގާގެ ޓޮޕްސްކޯރަރގެ މަޤާމު ޖެހިޖެހިގެން 2 ފަހަރު ހޯދައިގެންނެވެ. މިއީ، އަދި މިހާތަނަށް ދުނިޔޭގެ ފުޓުބޯޅައިގެ ދިގު ތާރީޚުގައިވެސް އެމްބާޕޭ ފިޔަވައި އިތުރު އެހެން އެއްވެސް ކުޅުންތެރިއަކަށް ކުރެވުނު ކަމެއް ނޫނެވެ.
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ގޯލްޖެހުމުގެ ރެކޯޑަށް ބަލާއިރު، އެމްބާޕޭ ނެގުމަށްފަހު، އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމު ޖެހިޖެހިގެން މެސީއަށް ލިބިފަވަނީ 5 ފަހަރަކުއެވެ. އޭގެ ތެރޭގައި، ލަލީގާއާއި ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯޑު ހިމެނެއެވެ. ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑަށް ބަލާއިރު، ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމު ޖެހިޖެހިގެން 6 ފަހަރު ހޯދާފައިވެއެވެ. ޔޫރަޕުގެ ރަންބޫޓު 3 ފަހަރަކު ހޯދާފައިވެއެވެ.
ލެވަންޑޮސްކީގެ ގޯލްޖެހުމުގެ ރެކޯޑުތަކަށް ބަލާއިރު، ޖަރުމަނު ބުންޑެސް ލީގާގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަޤާމު ޖެހިޖެހިގެން 4 ފަހަރު ހޯދިއެވެ. އިންގްލެންޑްގެ ހެރީ ކޭންވަނީ ބުންޑެސް ލީގާގެ ޓޮޕް ސްކޯރަރގެ މަޤާމު ޖެހިޖެހިގެން 3 ފަހަރު ހޯދާފައެވެ. ފްރާންސްގެ ތިއެރީ ހެންރީވަނީ އިނގިރޭސި ޕްރެމިއަރ ލީގުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމު ޖެހިޖެހިގެން 4 ފަހަރު ހޯދާފައެވެ.
ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ އިޓަލީގެ ރޮބާޓޯ ބާޖިއޯ އަދި ޖަރުމަނު ވިލާތުގެ މިރޮސްލާވް ކްލޯސަރފަދަ ކުޅުންތެރިންގެ ލީގުގެ ގޯލް ސްކޯރިންގ ރެކޯޑުތަށް މިހާރުގެ ޓޮޕް ސްޓްރައިކަރުންގެ ރެކޯޑުތަކަށްވުރެ މަދުކަން ފާހަގަކުރެވެއެވެ.
މިފަހަރުގެ ވޯލްޑްކަޕަކީ އެމްބާޕޭގެ 3 ވަނަ ވޯލްޑްކަަޕެވެ. އެމްބާޕޭ އަންނަނީ ވޯލްޑްކަޕްގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން 2018 ވަނަ އަހަރު ފްރާންސަށް ވޯލްޑްްކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިންއިރު ޖެހިގެން އައި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ކޮޅަށް އޭނާ ވަނީ ހެޓްރިކް ހަދާފައެވެ. މިހާތަނަށް ވޯލްޑްކަޕްގައި އެމްބާޕޭ ވަނީ 12 ގޯލް ޖަހާފައެވެ. ވޯލްޑްކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖަހާފައިވަނީ ޖަނުމަނުގެ ލެގެންޑް މިރޮސްލާވް ކްލޯސާއެވެ. އެއީ 16 ގޯލެވެ. އެހެންކަމުން 5 ގޯލް ޖަހައިގެން މި ރިކޯޑް މުގުރާލުމުގެ ފުރުޞަތު އުމުރުން 27 އަހަރުގެ އެމްބާޕާއަށް އެބައޮތެވެ.