އަޟްހާ ޢީދުގެ ކުޅިވަރުތައް ބައްލަވައިލެއްވުމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ކިނބިދުއަށް ވަޑައިގެންފިއެވެ.
ސަފީރު ކިނބިދުއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަޤާއި ރަށު ކައުންސިލް މެމްބަރުންނާއި ރަށުގެ ރައްޔިތުންނެވެ. ސަފީރުގެ މި ދަތުރުފުޅުގައި ޢީދާ ގުޅީގެން އެރަށުގައި ކުރިއަށްންދާ ހުރިހާ ކުޅީވަރެއް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޢީދު ނިމެންދެން ސަފީރު އެރަށުގައި މަޑުކުރައްވާނެކަމަށް މައުލޫމާތު ލިބެއެވެ،

ކިނބިދުއަކީ މުޅިރާއްޖެއިންވެސް ވަރަށް ކުލަގަދަކޮށް ޢީދު ފާހަގަކުރާ ރަށެކެވެ. ކުދިބޮޑު އެންމެން ބައިވެރިވެގެން ފާހަގަކުރާ މި ޢީދުގައި ސަޤާފީ ގިނަ ހަރަކާތްތަކާއި ޒަމާނީ އެކިއެކި ކުޅިވަރުތައް ހިމެނެއެވެ. މީގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ މި ޢީދުގެ މުނާސަބަތުގައި އަޅާ ބޮޑު ކުނބުހެވެ. މިއީ ޢީދު ފެށުގެ ކުރިން ޢީދުގެ ފޯރި ގެނައުމަށް ރަށުގެ ހުރިހާ ރައްޔިތުން ގުޅިގެން ހިންގާ ހަރަކާތެކެވެ. ސިޔާސީ ކަންކަމުގައި ހަލަބޮލިކޮށް ފެންނަ މިރަށުގައި ޢީދު ފާހަގަކުރަނީ ސިޔާސީ ކަންކަން އެއްފަރާތްކޮށް ހުރިހާ ރައްޔިތުން އެއް ރޫހެއްގައެވެ.
މިފަހަރުގެ ޢީދުގައިވެސް އެރަށަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިފަަހަރު އެރަށުގެ ޢީދުގެ ހަރަކާތްތައް ހުށައަޅައިދެނީ މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމެވެ.




