ޤަތަރުގައި ބޭއްވި ވޯލްޑްކަޕް ޗެމްޕިއަންކަން ހޯދައި، މިހާރު ދުނިޔޭގެ ޗެމްޕިއަންގެ ގޮތުގައި އާޖެންޓީނާ މިފަހަރުގެ ވޯލްޑްކަޕަށް ދާނީ މުބާރާތް ކާމިޔާބުކުރާ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ފޭވަރިޓެއްގެ ގޮތުގައެވެ. އާޖެންޓީނާއަކީ ފީފާ ރޭންކިންގ ދުނިޔޭގެ 3 ވަނާގައި މިހާރު އޮތް ޓީމެވެ. އާޖެންޓީނާގެ މިހާރުގެ ޓީމަކީ، މިހާތަނަށް އާޖެންޓީނާގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިން ހިމެނޭ ޓީމުކަމުގައި ދުނިޔޭގެ ފުޓުބޯޅަ ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. ނަމަވެސް، އާޖެންޓީނާއަކީ، ކޮންމެ ވޯލްޑްކަޕެއްގައިވެސް ފޭވަރިޓެކެވެ.

ސްކޮޑް:
ކޯޗު ލިއޮނެލް ސްކަލޯނީ އިޢުލާނުކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި ގިނައީ، 2022 ވަނަ އަހަރުގައިވެސް ވޯލްޑްކަޕް ޗެމްޕިއަންކަން ހޯދި ޓީމުގައި ހިމެނުނު ކުޅުންތެރިންނެވެ. ޓީމުގެ ތަރިއަކީ އަދި އެންމެ މުހިންމު ކުޅުންތެރިއަކީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ލިއޮނެލް މެސީއެވެ. މިއީ، މެސީގެ ވަދާޢީ މުބާރާތްކަންވަނީ މިހާރު ގާތްގަނޑަކަށް ކަށަވަރުވެފައެވެ. މެސީގެ އިތުރުން، ތަޖުރިބާކާރު ޑިފެންޑަރ ނިކޮލަސް އޮޓަމެންޑީ މިފަހަރުވެސް ޤައުމީ ޓީމުގައި ހިމެނިގެންދެއެވެ. އޮޓަމެންޑީއަކީ 2009 ވަނަ އަހަރުން ފެށިގެން އާޖެންޓީނާ ސީނިއަރ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޮޓަމެންޑީއާއެކު ޑިފެންސްލައިނުގައި ހިމެނޭ ނިކޮލަސް ޓަގްލިއަފިކޯއަކީ ވޭތުވެދިޔަ 2 ވޯލްޑްކަޕްގައި ކުޅެދީފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ. މެދުތެރެއިން، ޗެލްސީގެ އެންޒޯ ފެނާންޑޭޒް، ލިވަޕޫލްގެ މެކަލިސްޓާ އަދި އިންޓަރ މިއާމީގެ ޑިޕޯލްއަކީ މިފަހަރު ސްކޮޑުގައި ތިބި ސީނިއަރ ކުޅުންތެރިންނެވެ. މިއީ މިދިޔަ ވޯލްޑްކަޕްގައިވެސް އާޖެންޓީނާގެ މެދުތެރެއެވެ. މިކުޅުންތެރިންގެ މިއީ 2 ވަނަ ވޯލްޑްކަޕެވެ. އެންމެ ކުރިއަށް ބަލާއިރު، މެސީއާއެކު، އަލްވަރޭޒް އަދި ލައުޓާރޯ މާޓިނޭޒް ހިމެނެއެވެ. މިއީ، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފެންވަރުގެ ސްޓަރިކަރުންނެވެ. މީގެ އިތުރުން، އަލަށް ތަޢާރަފްވާނެކަމުގައި ބެލެވޭ ރެއަލްމެޑްރިޑްގެ ނިކޯ ޕާޒްއަކީވެސް ހުނަރުވެރި ކުޅުންތެރިއެކެވެ. އާޖެންޓީނާގެ 1 ނަންބަރ ކީޕަރ އަކީ އެސްޓަންވިލާއަށް ކުޅޭ އެމިލިއާނޯ މާޓިނޭޒްއެވެ. މާޓިނޭޒްއަކީ މިނިމުނު ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ޕެނަލްޓީ މަތަކޮށްގެން ދުނިޔޭގެ މަޝްހޫރުކަން ހޯދި ކީޕަރެކެވެ. އާޖެންޓީނާގެ ޑިފެންސްލައިނަކީ، ދުވެލިބާރު ސްޓްރައިކަރުންގެ ކުރިމަތީގައި ގިނަ ޢަދަދެއްގެ ފައުލްތަކެއްކުރާ، ގިނަ ކާޑުތަކެއް ލިބިފައިވާ ޑިފެންޑަރުން ހިމެނޭ ޓީމެކެވެ.

ގްރޫޕް ސްޓޭޖް
އަލްޖީރިއާ، ޖޯޑަން އަދި އޮސްޓްރިއާ އާއެކު އާޖެންޓީނާ ހިމެނެނީ ގްރޫޕް ޖޭ ގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ ވާދަކުރާނީ އަލްޖީރިއާއާއެވެ. 2007 ވަނަ އަހަރު މިދެޓީމު ވާދަކޮށްގެން އާޖެންޓީނާވަނީ 4-3 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. އަލްޖީރިއާއަށްވުރެ އާޖެންޓީނާއަށް އޮސްޓްރިއާ ބަލިކުރަން އުނދަގޫވާނެކަމުގައި ބެލެވެއެވެ. ސަބަބަކީ، އޮސްޓްރިއާ ކުޅުންތެރިންނަކީ އާޖެންޓީނާ ކުޅުންތެރިންނާއި އެއްވަރަށް ބައިނަލް އަޤްވާމީ ތަޖުރިބާހުރި އަދި ޔޫރަޕްގެ އެންމެ މަތީ ފެންވަރުގެ ކްލަބުތަކަށްކުޅޭ ކުޅުންތެރިންނެވެ. އަލްޖީރިއާގައި ގިނައީ، ފްރެންޗް ލީގާއި ޖަރުމަނު ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. އަލްޖީރިއާ މެޗުން އާޖެންޓީނާއަށް މޮޅުނުވެވިއްޖެނަމަ، އޮސްޓްރިއާ މެޗަކީ އާޖެންޓީނާއަށް މަރުގެ މެޗަކަށްވާނެކަން ޔަޤީނެވެ. މިފަހުން، އޮސްޓްރިއާ އާއި އާޖެންޓީނާ ދުނިޔޭގެ ފެންވަރުގެ ފުޓުބޯޅަ މެޗެއްގައި ވާދަކޮށްފައެއް ނުވެއެވެ.