ޖެންޑަރ މިނިސްޓްރީން ކުރިއަށްގެންދާ "އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމް" އދ. މަހިބަދޫގައި ފަށައިފި އެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އަންހެނުންނަކީ ލީޑަރޝިޕް އަދި ސިޔާސީ ދާއިރާތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމަށާއި، ގައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި އިތުބާރު ގާއިމުކޮށްދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެއްކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދީ، ޤައުމަށް ބޭނުންތެރި އަންހެން ލީޑަރުންގެ އާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މި ޕްރޮގްރާމުގައި ނިންމުންތައް ނިންމާ ފެންވަރުގައާއި، އާންމު ޚިދުމަތްތަކާއި، އިޖުތިމާޢީ އަދި ސިޔާސީ ދާއިރާތަކުގައި އަންހެނުން ޢަމަލީގޮތުން ބައިވެރިވުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ވެސް މި ތަމްރީން ޕްރޮގްރާމުގައި ފޯރުކޮށްދޭނެކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުންގެ ޚިދުމަތްތަކާއި، މުޖުތަމައުގައި އަންހެނުންގެ ދައުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވެސް މި ޕްރޮގްރާމުގައިގެ ބައިވެރިންނަށް މައުލޫމާތު ފޯުކޮށްދޭނެކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން ހއ. ދިއްދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ވަނީ މި ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ.