މާލެ ސިޓީ ކައުންސިލަށް އުސްގެކޮޅު އެންމެ އެކަށީގެންވާ ވަރަށް ނުބެހެއްޓޭތީ އެތަން ސަރުކާރަށް ނަގަން ނިންމާފއިވާކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު ވިދާޅުވީ އުސްގެކޮޅު ހިމަނައިގެން އިންޓަރެކްޓިވް މިއުޒިއަމެއް އަޅަން ނިންމައި އެތަނުގެ ތަޅުދަނޑި ހަވާލުކުރަން މާލޭ ސިޓީ ކައުންސިލްގައި އެދެމުންދާތާ 2 އަހަރު ވެފައިވާ ކަމަށާއި ނަމަވެސް އެތަން މިހާތަނަށްވެސް ސަރުކާރާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.
އަދި ކުރިން އެތަން ސަރުކާރާ ހަވާލުކުރުމަށް ސިޓީކައުންސިލުން އެއްބަސްވި ނަމަވެސް އެތަނުގެ ތަޅުދަނޑި ހޯދަން އެތަކެއް ފަހަރު މަތިން ކައުންސިލާއި ފޯނުންވެސް މަޝްވަރާކުރެވިފައިވާކަމަށެވެ.
އަދި ދާދިފަހުން އެތަނުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު އެތަނުގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ނިޝާންވެސް ފެންނަން ހުރިކަމަށް ބުނެއެވެ.