އަމިއްލަ ކުންފުނިތައް ހަދައި ކޮންސްޓްރަކްޝަން ވިޔަފާރި ކުރެވޭ ފެންވަރަށް ޤައިދީން ތަމްރީނު ކުރަންޖެހޭކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މާފުށީ ޖަލުގެ އައު އޮފީސް އިމާރާތް ހުޅުވައިދެއްވުމަށް އެ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ވިދާޅުވީ އައްސޭރި ޖަލުގެ އައު އޮފީސް އިމާރާތަކީ ޤައިދީންނާއި، ޖަލު އޮފިސަރުން އަމިއްލަ މަސައްކަތުން ތަރައްޤީކޮށްފައިވާ އިމާރާތެއް ކަމަށާއި، ޤައިދީން ކޮށްފައިވާ މަސައްކަތުގެ ފުރިހަމަކަމާއި ފަންނުވެރިކަން އެ އޮފީސް އިމާރާތުން ފެނިގެންދާ ކަމަށެވެ.
އަދި އެ މަސައްކަތަށް ބެލުމުން ގައިދީންގެ ފަންނުވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރެވޭ ކަމަށާއި އެގޮތުން ޤައިދީންގެ ހުނަރުތައް ތަރައްޤީކޮށް އަނބުރާ މުޖްތަމަޢަށް ނިކުންނައިރު ބައެއްގެ ދަށުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ ކުންފުނިތައް ހަދައި، ކޮންސްޓްރަކްޝަން މަސައްކަތް ކުރެވޭ ފެންވަރަށް ޤައިދީން ތަމްރީނު ކުރަންޖެހޭކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވި އެވެ.
އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި އައްސޭރި ޖަލުގެ އައު ބަދިގެ އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވައިދެއްވާފައެވެ. ބަދިގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ، ހޯމް މިނިސްތަރ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕްރޮޒަން ހަސަން ޒަރީރު އެވެ.