އެއާޕޯޓް ފާސް ނަހަމަ ގޮތުގައި ބޭނުންކުރާތީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްއޭސީއެލް އިންހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސެކިއުރިޓީ ފާސްތައް އުސޫލުން ބޭރުން މުވައްޒަފުން ބޭނުންކުރާ މައްސަލާގައި އެމްއޭސީއެލް އިންވަނީ އިންޒާރުގެ ސާކިއުލާއެއް ނެރެފައެވެ.
އެސާކިއުލާގައި ބުނެފައިވަނީ އެއާޕޯޓް ސެކިއުރިޓީ ފާހަކީ ހަމައެކަނި ރަސްމީ ޑިއުޓީގެ ބޭނުމަށް ވަކި ސަރަހައްދުތަކަކަށް ވަނުމަށް ދޫކުރާ އެއްޗެއް ކަމަށާއި، ނަމަވެސް، ބައެއް މުވައްޒަފުން ވަޒީފާގެ ބޭނުމަކާ ނުލައި ފަސިންޖަރުންގެ ފޮށިތައް ނަގާ ސަރަހައްދަށާއި ކަސްޓަމްސް އޭރިއާއަށް ވަދެ، ފަސިންޖަރުންނާ މުއާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭގެ ސަބަބުން އެއާޕޯޓްގެ އޭވިއޭޝަން ސެކިއުރިޓީއަށް ނުރައްކާވުމުގެ އިތުރުން އެއާޕޯޓާއި ކަސްޓަމްސްގެ މަސައްކަތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެހެންކަމުން އެއާޕޯޓް ފާސް ބޭނުންކުރުމުގެ އުސޫލުތަކާ ހިލާފުވާ މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން، އެމީހަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސް އަތުލުން ނުވަތަ ކެންސަލް ކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.