ފުލުހުން އަތުލައިގަތް މަސްތުވާތަކެތި ފޮޓޯ: ޕޮލިސް
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާއިއެކު 3 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ.ހަނިމާދޫ އަދި ބ. ދަރަވަންދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި، ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހަނިމާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ހަނިމާދޫ ޕޮޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 26 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ.

އަދި މި މަހުގެ 19 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކުރީ،  އެމީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 64 ރަބަރު ހޮޅިކޮޅު ފެނުމާ ގުޅިގެން ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މީގެއިތުރުން ދަރަވަންދޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ދާ ބޯޓަކުން އެރަށަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި، އޭދަފުށި ޕޮލިސް ސްޓޭޝަންގެ އިތުރުން ދަރަވަންދޫ ޕޮލިސް ޑެސްކް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.

މި މަހުގެ 19 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށުން 30 އަހަރުގެ މީހަކުވަނީ ހައްޔަރުކޮށްފައެވެ. އަދި އެރަށު ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެެ.

މި މައްސަލާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ފުލުހުން ދަނީ، މި މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *